"ރަސްގެފާނުގެ އެނބުރިއައުން" މީޑިއާނެޓުން ބަލާލެވޭނެ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައިވާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި އައިސް ކުޅޭ ފުރަތަމަ މެޗަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

މިރޭ ނިއުކާސްޓަލްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅޭ މެޗުގައި އެޓީމުގެ ހަތް ނަންބަރު ޖޯޒީގައި ރޮނާލްޑޯ ފެންނާނެކަމުގެ ފެހި ސިގްނަލް އެ ޓީމުން ވަނީ ދީފައެވެ. އެހެންކަމުން ރޮނާލްޑޯ މެންޔޫގެ ޖާޒީގައި ކުޅޭތަން ބަލާލުމަށް އެ ޓީމުގެ ގިނަ ސަޕޯޓަރުން އަދި ރޮނާލްޑޯގެ ފޭނުން ވެސް ތިބީ ކެތްމަދުވެފައެވެ.

ރަސްގެފާނު" އެނބުރި ޔުނައިޓެޑަށް އައިސް ފުރަތަމަ ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 07:00ގައެވެ.

މި މެޗު ބެލުމަކީ މިހާރު މާ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ. ސަބަބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް މީޑިއާނެޓުގެ "އައިސް ޓީވީ" އަދި "އައިސް ސްޕޯޓްސްއިން ބަލާލެވޭނެތީއެވެ. އަދި ރާއްޖޭގެ ކޮންމެ ތާކު ހުރެގެން ވެސް މީޑިއާނެޓު މަލްޓި ސްކްރީންގެ އެހީގައި މި މެޗުތައް ބަލައިލެވޭނެއެވެ.

ޔުނައިޓެޑަށް ރޮނާލްޑޯގެ ހިތުގައި އޮތް ލޯބި ބަންޑުންކޮށްލަމުން އޭނާ ބުނެފައިވަނީ ޔުނައިޓެޑުގެ ކެރިއަރަކީ އޭނާގެ ފުޓުބޯޅަ ހަޔާތުގެ ކާމިޔާބީތަކުގެ ފެށުން ކަމަށެވެ. އެގޮތުން ރޮނާލްޑޯވަނީ އެ ކްލަބަށް 292 މެޗު ކުޅެ 118 ލަނޑު ޖަހައިދީފައެވެ. އަދި އެ ކްލަބަށް ތިން ޕްރިމިއާ ލީގާއި އެއް ޗެމްޕިއަންސް ލީގު އަދި ދެ ލީގު ކަޕާއި އެއް ކްލަބް ވޯލްޑްކަޕް އޭނާ ވަނީ ކާމިޔާބު ކޮށްދީފައެެވެ. އަދި އެ ކްލަބުގެ ޓްރޮފީ ކެބިނެޓަށް ކޮމިއުނިޓީ ޝީލްޑު ޓްރޮފީއެއް އިތުރު ކޮށްދިނުމުގައި ވެސް ރޮނާލްޑޯގެ ދައުރު ބޮޑެވެ.

މީގެ އިތުރުން، އޭނާގެ ކެރިއަރުގެ ފުރަތަމަ ރަންބޯޅަ އަދި ރަންބޫޓު ވެސް ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުގެ ޖޯޒީގައެވެ.

ރާއްޖެއަކީ ނިސްބަތުން ބަލާއިރު، ޔުނައިޓެޑުގެ ސަޕޯޓަރުން ވަރަށް ގިނަ ގައުމެކެވެ. އެގޮތުން ޔުނައިޓެޑަށް ސަޕޯޓު ކުރާ ގިނަ ބަޔަކު ތިބީ ރޮނާލްޑޯ އެނބުރި އައުމުން ވަރަށް އުފާވެފައެވެ. އެހެންކަމުން ރޮނާލްޑޯ ޔުނައިޓެޑު ޖޯޒީގައި ކުޅޭ ފުރަތަމަ މެޗު ބަލާލުމަކީ އެ ސަޕޯޓަރުން ވަރަށް ބޭނުންވާނެ ކަމެކެވެ.

އައިސް ޓީވީ އަދި އައިސްޓީވީ ސްޕޯޓްސްއަކީ ރާއްޖެއަށް އިނގިރޭސި ޕްރިމިއަރ ލީގު އަދި ސްޕެއިންގެ ލަލީގާ ދެއްކުމަށް ހަމައެކަނި ހުއްދަ އޮންނަ ދެ ޗެނަލެވެ.

comment ކޮމެންޓް