ރައީސް ޔާމީން ޖަލަށް ގެންގޮސްފިނަމަ ސަރުކާރަށް ނޭވާލިޔަ ނުދޭނަން: ޝިޔާމް

ނައިފަރުދާއިރާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނބުރާ ޖަލަށް ގެންދިޔަ ނަމަވެސް އިދިކޮޅުގެ ހަރަކާތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި އެމަނިކުފާނު ޖަލަށް ގެންގޮސްފިނަމަ ސަރުކާރަށް ނޭވާލިޔަ ވެސް ނުދޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ ގޭބަންދުގައި ހުންނަވާ ރައީސް ޔާމީން މިއަދު އިދިކޮޅުން "އިންސާފު ހޯދަން" މިނަމުގައި ބޭއްވި އިހުތިޖާޖުގެ ބައިވެރީންނަށް ފެނިލެއްވުމާ ގުޅިގެން، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވެފައިވަނީ ރައީސް ޔާމީން ގޭބަންދު އިގުރާރާ ޚިލާފުވެފައި ވާ ކަމަށާއި އެމަނިކުފާނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ސެޕްޓެމްބަރު 10، 2021: އިދިކޮޅުން ބޭއްވި "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ކުރީގެ ރައީސް ޔާމީން އިހުތޖާޖުގެ ބައިވެރިންނަށް ހަނާ އަޅުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ އިދިކޮޅުން މިއަދު އެ ކުރަނީ ސިޔާސީ މަސައްކަތްތަކެއް ނޫން ކަމަށާއި ގައުމީ މަސައްކަތްތަކެއް ކަމަށެވެ. އަދި ރައީސް ޔާމީނު މިއަދުގެ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެންނެވިކަން ގަބޫލު ނުކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން އިހުތިޖާޖުގައި ބައިވެެރިވިނަމަ ހުންނަވާނީ މަގުމަތީގައެއް ނޫންތޯ" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ގޭބަންދު އިގުރާރާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ކަންކުރެއްވީ ހުދޫދުގެ ތެރެއިން ކަމަށެވެ.

ރައީސް ޔާމީން ފެނިލެއްވުމަކީ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ހިތްވަރެއްް ކަމަށާއި އެކަން ސަރުކާރު ހިންގާ އެމްޑީޕީއަށް ހަޖަމު ނުކުރެވުނީ ކަމުގައި ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓްވީޓަކީ ސަރުކާރުގެ ނުފޫޒުން މަޖުބޫރުކޮށްގެން ކުރި ޓްވީޓެއް ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ރައީސް ޔާމީނުވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން އިހުތިޖާޖުގެ ބައިވެރީންނަށް ފެނިލައްވައި ހަނާއަޅުއްވާފައެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ދިން ޕީޕީއެމްގެ ދިދައަކާއި ގައުމީ ދިދައެއް ވިހުރާލައްވާފައެވެ.

comment ކޮމެންޓް