އެމެރިކާ އާއި ޗައިނާގެ ރައީސުން ހަތް މަސް ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހަތް މަސް ފަހުން ފުރަތަމަ ފަހަރަށް މިއަދު ވާހަކަ ދައްކަވައިފިއެވެ.

އެމެރިކާގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ދެ ރައީސުންގެ ފޯން ކޯލް 90 މިނިޓަށް ދެމިގެންދިޔައެވެ. އަދި ދެ ބޭފުޅުން ވަނީ ގައުމީ ވާދަވެރިކަން ހަމަނުޖެހުމަކަށް ބަދަލު ވުމަށް ފުރުސަތު ނުދިނުމަކީ ދެ ގައުމުގެ ޒިންމާއެއްކަން ފާހަގަ ކުރައްވައި، އެކަމާ ބެހޭ ގޮތުން މަޝްވާރަ ކުރައްވާފައި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެއެވެ.

"އެ މަޝްވަރާއަކީ އެމެރިކާ އާއި ޗައިނާގެ ވާދަވެރިކަން ޒިންމާދާރު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މަޝްވަރާއެއް،" ވައިޓް ހައުސްއިން ބުންޏެވެ.

މީގެ އިތުރުން، އެމެރިކާ އާއި ޗައިނާގެ ގުޅުން ދަމަހައްޓާ ގޮތަކީ މުޅި ދުނިޔޭގެ މުސްތަގުބަލަށްވެސް މުހިއްމު ކަމެއް ކަމަށް އެ ފޯން ކޯލުގައި ޝީ ވިދާޅުވި ކަމަށް ޗައިނާގެ ސީސީޓީވީ ނޫހުން ރިޕޯޓު ކުރިއެވެ.

އެއީ މިއަހަރުގެ ޖެނުއަރީ މަހު ބައިޑެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝީ އާ ވާހަކަ ދެއްކެވި ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ދެ ބޭފުޅުން ވާހަކަ ދެއްކެވީ މިދިޔަ ފެބްރުއަރީ މަހުގައިއެވެ.

އެ ދެ ބޭފުޅުން މިފަހަރު ވާހަކަ ދެއްކެވީ، ކޮރޯނާވައިރަސް ފުރަތަމަ ފެތުރުނު ގޮތާއި ވިޔަފާރިއާ ބެހޭ ގޮތުން ޗައިނާ އާއި އެމެރިކާއާ ދެމެދު ދެބަސްވުން އުފެދި، ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތައް ފަދަ މައްސަލަތަކާ ދެކޮޅަށް ދެގައުމުން އެއްކޮށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް