ކޯރާ ކޯރާ މޯލްޑިވްސް އަންނަ މަހު ހުޅުވަނީ

ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓު -- ފޮޓޯ: ކޯރާ ކޯރާ މޯލްޑިވްސް

ރ. މާމިގިލީގައި ތަރައްގީ ކޮށްފައިވާ ކޯރާ ކޯރާ މޯލްޑިވްސް ރިސޯޓު އަންނަ މަހުގެ އެކެއްގައި ހުޅުވާނެކަން އިއުލާންކޮށްފިއެވެ.

ކޯރާ ކޯރާ މޯލްޑިވްސްގެ ވެބްސައިޓުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަން އެއާޕޯޓުން އެ ރިސޯޓަށް 45 މިނިޓު ތެރޭ ސީޕްލޭންއިން ދެވޭނެއެވެ. ނުވަތަ ވީއައިއޭއިން އިފުރު އެއާޕޯޓަށް 30 މިނިޓުގެ ދަތުރެއް ކުރުމަށް ފަހު، ލޯންޗަކުން 20 މިނިޓު ތެރޭ އެ ރަށަށް ދެވޭނެއެވެ.

ކޯރާ ކޯރާ މޯލްޑިވްސްގައި 100 ވިލާ ހުރެއެވެ. އަދި ހަތަރު ރެސްޓޯރެންޓާއި ޑައިވް ސްކޫލަކާއި ޑައިވިން ސެންޓަރަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ސްޕާ އަކާއި ޖިމެއް ހުރެއެވެ.

އެ ރިސޯޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކޯރާ ކޯރާ މޯލްޑިވްސް ދާރުލްއާސާރެވެ. އެ ރިސޯޓުން ބުނާ ގޮތުގައި އެއީ ގައުމީ ދާރުލްއާސާރަށް ފަހު ދިވެހި ސަގާފަތާ ގުޅުން ހުރި އެންމެ ގިނަ ބާވަތްތައް ދައްކުވައިދޭ ދާރުލްއާސާރެވެ.

އެގޮތުން ރާއްޖެ އިސްލާމްވުމުގެ ކުރިން ބޭނުންކޮށްފައިވާ ތަކެއްޗާއި އިންޑިއާ ކަނޑުގެ ސަރަހައްދު އިސްތިއުމާރީ ބާރުތަކުގެ ދަށުގައި އޮތް އިރު ގެންގުޅެފައިވާ ތަކެތި އެ ރަށުން ފެންނަން ހުންނާނެ ކަމަށް ކޯރާ ކޯރާއިން ބުންޏެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ބުދު ދީން އޮތް ދުވަސްވަރު ބޭނުން ކުރި ތެޔޮ ބައްތިއަކާއި 1500އިގެ އަހަރުތަކުގައި ހަދާފައިވާ ޗައިނާގެ ޕޯސެލިން އާލާތްތަކެއް ހިމެނެއެވެ.

މީގެ އިތުރުން 120 އަހަރުވީ ގެޔެއް އެ ރަށަށް ބަދަލުކޮށް، ދިވެހިންގެ ކުރީގެ ދިރިއުޅުން ދައްކުވައިދޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ. އަދި އިހު ޒަމާނުގައި މީހުން ފެންވަރަން ބޭނުން ކުރި ދެ ވެޔޮ ބަލާލުމުގެ ފުރުސަތުވެސް އެ ރިސޯޓުން ލިބޭނެ ކަމަށް ކޯރާ ކޯރާއިން ބުންޏެވެ.

comment ކޮމެންޓް