މިއަދުގެ ހުތުބާ ހާއްސަ ކުރީ ކެއިންބުއިމުގެ އަދަބުތަކުގެ މުހިއްމު ކަމަށް

ޖުލައި 10، 2020: ކޮވިޑް19 އާ ގުޅިގެން މާލެ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން މެދުކަނޑާލިތާ ތިން މަހަށް ވުރެ ގިނަ ދުވަހަށްފަހު، މާލޭގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނުން އަންގައިދޭ ކެއިންބުއިމުގެ އަދަބުތަކާއި އެ އަދަބުތަކާ އެއްގޮތަށް އަމަލު ކުރުމުގެ މުހިންމުކަން މިއަދުގެ ހުތުބާގައި ބުނެދީފިއެވެ.

ކެއިންބުއިމުގައި އަމަލު ކުރަންވީ އަދަބުތަކުގެ ތެރެއިން ހުތުބާގައި ފާހަގަ ކުރި ކަންތައްތަކުގެ ތެރޭގައި ކޮޅަށް ހުރެ ނުކެއުމާއި، ފެން ބޯއިރު ލަސްލަހުން އެތިއެތި ފޮދުން ދަމާލައިގެން ބުއިން ހިމެނެއެވެ.

މީގެ އިތުރުން ކާއިރު ކާންވާނީ ތަށީގެ ކައިރި ފަރާތުން ކަމަށާއި ދިޔާ އެއްޗެހި ބޯއިރު ތަށީގައި ތުން ޖަހައިން ބުއިމަކީވެސް ކެއިން ބުއިމުގެ އަދަބެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހަމަ އެހެންމެ، އެއްޗެއް ބޯއިރު އެއަށް ނޭވާ ނުލުމަށާއި ކާއެއްޗެއް ކާއިރު ހޫނުކަމުން އެ ހީހޫ ކުރުމަށް އަނގައިން ނުފުމުމަށް ކީރިތި ރަސޫލާ އުނގަންނައިދެއްވަވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން ﷲގެ އިސްމުފުޅުން ފެށުމަށާއި ކައި ނިމިގެން މާތް ﷲ އަށް ހަމްދު ކުރުމަކީވެސް ކެއިން ބުއިމުގެ އަދަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައިވެއެވެ. އަދި ކެއިންބުއިން ގިނަ ކުރުމަކީ ރަނގަޅު ކަމެއް ނޫންކަންވެސް ބުނެދިނެވެ.

"އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައި ކާންވަރެއް ނުފުރައެވެ. އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ތެދަށް ބެހެއްޓޭ ވަރުގެ ކާއެތިކޮޅެއް ފުދެއެވެ. ފަހެ، މަދު މިންވަރަކުން ނުފުދޭ މީހާ، އޭނާގެ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ! އަދި ތިންބައިކުޅަ އެއްބަޔަށް ފެންބޯށެވެ! އަދި ތިންބައި ކުޅަ އެއް ބައި ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓާށެވެ!" ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.

މިއަދުގެ ހުތުބާގައި ކެއިން ބުއިމުގައި އިސްރާފުކުރުމުގެ ނުބައި ކަމުގެ ވާހަކަވެސް ބުނެދިނެވެ.

އެގޮތުން ކެއިންބުއިމުގައި އިސްރާފު ކުރުމަކީ އިންސާނާއަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. އަދި އޭގެ ސަބަބުން އިސްރާފު ކުރާ މީހާއަށް ބަލި ޖެހި އެމީހެއްގެ ދުޅަހެޔޮކަން ނަގައިލަފާނެ ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް