އެމްއާރްއެމްގެ ޒައީމް ކަމަށާއި ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ޒައީމް ކަމަށާއި ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއާރުއެމްގެ އިސް މަގާމުތަކާއި ކޮމިޓީތަކުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އަންނަ މަހުގެ ދޭއްގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނާ ދިމާކޮށެވެ.

އެ ކޮންވެންޝަންގައި ޕާޓީގެ ޒައީމާއި ރައީސްގެ އިތުރުން ދެ ނައިބު ރައީސުން އިންތިހާބު ކުރާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީ އާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުން ހޮވާނެއެވެ.

މީގެ އިތުރުން އިންތިހާބު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި އިސްތިއުނާފު ކޮމިޓީއަށް 15 މެންބަރުން ހޮވާނެއެވެ.

އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ފުރިހަމަ ވާން ޖެހޭ ޝަރުތަކީ ޕާޓީގެ ދަފްތަރުގައި ރެޖިސްޓާ ވެފައިވުމެވެ. އަދި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލާ ނަމަ އުމުރުން 30 އަހަރުވެފައި ނުވުމެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އަދި މަގާމުތަކަށް ވާދަ ކުރަން ބޭނުން މީހުން ކަމާ ބެހޭ ފޯމު ފުރުމަށް ފަހު ޕާޓީގެ އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ޑިސެމްބަރު 20، 2019ގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާވި އެމްއާރުއެމް ހިންގުމާ މިހާރު ހަވާލުވެޑައިގެން ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ.

comment ކޮމެންޓް