އަލިފުށީގައި އެއާޕޯޓް އަޅަންވީ، އެކަމަކު ފުއްސަރުގައި ވެސް އެއާޕޯޓު އަޅަންޖެހޭ: މަޑުއްވަރީ ކައުންސިލް

ސެޕްޓެމްބަރު 9، 2021: ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޑުއްވަރީ ކައުންސިލާ ބައްދަލުކުރެއްވުން --- ފޮޓޯ/ ރައީސް އޮފީސް

ރ. އަލިފުށީގައި އެއާޕޯޓު އެޅުމާމެދު އެއްވެސް މައްސަލައެއް ނެތްކަމަށާއި، ނަމަވެސް އެ އެއާޕޯޓު އެޅިކަމުގައި ނުވަތަ ނޭޅިކަމުގައި ވީނަމަވެސް ރ. ފުއްސަރުގައި އެއާޕޯޓެއް އަޅަންޖެހޭކަމަށް ރ. މަޑުއްވަރީ ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު މަޑުއްވަރިއަށް ވަޑައިގެން އެ ރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ ފުއްސަރުގައި އެއާޕޯޓެއް އަޅައިދެއްވުމަށް އެދި ރައީސްގެ އަރިހުގައި ދަންނަވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އަހްމަދު އަޝްރަފް "ސަން"އަށް ވިދާޅުވީ ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓެއް އޮތުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އަލިފުށީގައި އަޅާ އެއާޕޯޓު އެޅުމާ ވެސް ދެކޮޅު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"އަަޅުގަނޑުމެން މަޑުއްވަރީ ރައްޔިތުންގެ ފަރާތުން ދެއްކި ވާހަކައަކީ އަލިފުށީ އެއާޕޯޓާ ގުޅުމެއް އޮތް ވާހަކައެއް ނޫން ހަގީގަތުގައި. އަލިފުށީގައި އެއާޕޯޓެއް އެޅިޔަސް ނޭޅިޔަސް މަޑުއްވަރިއާއި ދެކުނަށް ނިސްބަތްވާ ރަށްތަކުގެ ރައްޔިތުންނަށް ދެކުނުގައި އެއާޕޯޓެއް އޮންނަން ވާނޭ،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ ދެކުނު ބިތުގައި އެއާޕޯޓެއްް އެޅުމަށް ބަލާއިރު ރ. ބެރިޔަންފަރަކީ ދެކުނުގައި އެއާޕޯޓެެއް އެޅުމަށް ރަނގަޅު ލޮކޭޝަނެއްކަމަށެވެ. ނަމަވެސް އެ ތަނަކީ ހިމާޔަތްކޮށްފައިވާ ތަނެއްކަމުން އެއާޕޯޓަކަށް އެންމެ ރަނގަޅު ލޮކޭޝަނެއްގެ ގޮތުގައި އޮތީ ރ. ފުއްސަރުކަމަށް އަޝްރަފް ވިދާޅުވިއެވެ.

ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެެހެންކަމުން އެ ވައުދު ފުއްދަވައިދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ.

"އެ އެއާޕޯޓު އެޅިޔަސް ނޭޅިޔަސް ދެކުނުގައި އެއާޕޯޓެއް އޮންނާނެކަމަށް ރައީސް ކެމްޕެއިނުގައި ވައުދުވެފައިވަނީ. އެހެންވީމާ އެ ވާހަކަ މިއަދު އަޅުގަނޑުމެން މަޑުއްވަރީ ރައްޔިތުންގެ ފަރާތުން ރައީސަށް ހުށަހެޅީ،" އަޝްރަފް ވިދާޅުވިއެވެ.

ރ. އަތޮޅުގައި މީހުން ދިރިއުޅޭ އެންމެ ގިނަ ރަށްތަކެއް ހުރީ އެ އަތޮޅުގެ ދެކުނު ބިތުގައެވެ. އެގޮތުން ފުއްސަރުގައި އެއާޕޯޓެއް އެޅުމަކީ ދެކުނު ބިތުގައި ހުރި ރަށްރަށާއި ރިސޯޓުތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާނެކަމެއްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެއާޕޯޓަށް ކުރާ ދަތުރުގެ ވަގުތު 20 މިނެޓަށް ކުޑަވެގެންދާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ދެކުނު ބިތުގެ ރިސޯޓުތަކުން ރ. އިފުރު އެއާޕޯޓަށް ދަތުރުކުރާނަމަ 30 މިނެޓަށްވުރެ ވެސް އިތުރު ވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރައީސްގެ ފަރާތުން އަޅުގަނޑުމެންނަށް އުންމީދު ލިބުނު. ރައީސް ވިދާޅުވީ ދެކުނަށް ނިސްބަތްވާ ރަށްތަކުގެ މީހުން ދޭށޭ ރަނގަޅު ރަށެއް،" އޭނާ ވިދާޅުވިއެވެ.

ފުއްސަރަކީ މަޑުއްވަރީގެ އުތުރުން އޮންނަ ފަރެކެވެ. އެ ފަރުގައި އެއާޕޯޓު އަޅާނަމަ އެ ފަރު ހިއްކުމަކީ ކުރަންޖެހޭ މަސައްކަތެކެވެ.

comment ކޮމެންޓް