ޗައިނާއާއި ރާއްޖެއާ ދެމެދު އޮތީ މާ ވަރުގަދަ ގުޅުމެއް: ސަފީރު ވަންގް

ސެޕްޓެމްބަރު 6، 2021: ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވާން ލިޖިން -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާއާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެއްކަމަށް ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ވަންގް ލިޖިން ވިދާޅުވެއްޖެއެވެ.

ސަފީރުކަމުގެ މަގާމާ ހަވާލުވުމަށްފަހު ދެއްވި ފުރަތަމަ ރަސްމީ އިންޓަވިއުގައި ޗައިނާގެ "އީސީއެންއެސް"އަށް ވަންގް ލިޖިން ވިދާޅުވީ ޗައިނާއާއި ރާއްޖެއާ ދެމެދު 1972 ވަނަ އަހަރު ގުޅުން ގާއިމްކުރިފަހުން މިއަދާހަމައަށް ވެސް އޮތީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށެވެ.

އަދި އަންނަ އަހަރު މި ގުޅުމަށް 50 އަހަރު ފުރޭއިރު އެ ދުވަސް ފާހަގަކުރުމުގެ ޝަރަފު ލިބިގެން ދިއުމަކީ އުންމީދުކުރައްވާ ކަމެއްކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 6، 2021: ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވާން ލިޖިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު ސަފީރު ވަންގް ލިޖިން ވަނީ ޗައިނާއާއި ރާއްޖޭގެ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް ދިވެހީންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ވެސް ޝުކުރު ދަންނަވާފައެވެ. އަދި މިހާރަށްވުރެ ބޮޑަށް އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ޗައިނާގެ މުހިންމު ކަންކަމާމެދު ރާއްޖެއިން ބަހައްޓާ ގާތްކަން ޗައިނާއިން އަބަދުވެސް ބަލައިގަނެ އަގުވަޒަންކުރަން. ހަމައެފަދައިން ޗައިނާއިން ވެސް އަބަދުވެސް ރާއްޖެއަށް އެހީތެރިވެ ދޭނަން،" ވަންގް ލިޖިން ވިދާޅުވިއެވެ.

ސަފީރު ވަންގް ލިޖިން ވިދާޅުވީ ޗައިނާގެ އެހީގައި ރާއްޖޭގައި މަޝްރޫއުތައް ހިންގިފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ސަބަބުން ކަމަށެވެ.

ސެޕްޓެމްބަރު 6، 2021: ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވާން ލިޖިން -- ފޮޓޯ/ ރައީސް އޮފީސް

އެ މަޝްރޫތަކުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކުރިޔަށް ގެންދިޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަޕްގްރޭޑް މަސައްކަތާއި، ސިނަމާލެ ބްރިޖު މަޝްރޫގެ އިތުރުން ހިޔާ 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ވެސް ދެ ގައުމުގެ މެދުގައި އޮތް ގުޅުން ދެމެހެއްޓިފައި އޮތްކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮވިޑުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖެއަށް ކޮވިޑް-19 ވެކްސިންގެ އެހީ ވެސް އެ ގައުމުގެ ފަރާތުން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފަައެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ސަފީރު ވަންގް ލިޖިން ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ 76ވަަނަ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެފައިވުމާއެކު ޝާހިދަށް މަރުހަބާ ވެސް ދަންނަވާފައެވެ.

comment ކޮމެންޓް