ޕައިލެޓުން އިސްތިއުފާދިނަސް، އޮޕަރޭޝަނަށް ބުރޫނާރާނެ: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް ---- ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރަމުން އައި ޕައިލެޓުންތަކެއް އިސްތިއުފާ ދިންނަމަވެސް ފްލައިޓް އޮޕަރޭޝަންތަކަށް ބުރޫނާރާނެ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް "ސަން" އަށް ވިދާޅުވީ އިސްތިއުފާ ދިނީ ހަތް ޕައިލެޓުން ކަމަށެވެ.

ޕައިލެޓުން އިސްތިއުފާ ދިނީ އެއް ފަހަރާ ނޫންކަން ފާހަގަކުރައްވައި، މޫސަ ވިދާޅުވީ މަގާމުން ވަކިވެފައިވަނީ ކުންފުނީގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

"އެ ބޭފުޅުން ޑިއު ޕްރޮސެސް ފުރިހަމަކޮށްފަ، އެ ޑިއު ޕްރޮސެސްގެ ތެރެއިން އިސްތިއުފާ ދިނީ. އެއްފަހަރާ މިއަދު ހުރިހާ އެންމެން ދިނީކީ ނޫން،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެ މީހުން އިސްތިއުފާ ދިން ނަމަވެސް މޯލްޑިވިއަންގެ އޮޕަރޭޝަނަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށާއި ކުރިން ވެސް ކުރިއަށްދާގޮތަށް އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށެވެ.

ހެޑް އޮފް ޓްރެއިނިން އާއި ހެޑް އޮފް އޮޕަރޭޝަންސްގެ މަގާމުގައި ތިބި ޕައިލެޓުން މަގާމުން އިސްއުފާ ދިން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މޫސަ ވިދާޅުވީ އެ ބޭފުޅުން އިސްތިއުފާ ދިނީ ޕައިލެޓު ކަމުން ނޫން ކަމަށެވެ.

މޫސަ ވިދާޅުވީ އެ ފަރާތްތައް އެހެން ޕައިލެޓުންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން މެނޭޖުމަންޓުގެ މަގާމުން އެކަހެރިވީ ކަމަށާއި އެ ޕައިލެޓުން މާދަމާ ވެސް އުދުހުންތަކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް