ވެންޓިލޭޓަރުތައް ނުލިބުމުން 31 މިލިއަން ރުފިޔާ އަނބުރާ ހޯދަނީ

ވެންޓިލޭޓަރު މެޝިނެއް

ކޮވިޑް-19ގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެތަކެތި ފޯރުކޮށްދީފައި ނުވާތީ، 31 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ސަރުކާރުން އަންގައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ 30 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އެގްޒެކިއުޓާސް ކުންފުންޏަށް ހެލްތު މިނިސްޓްރީއިން އެންގީ މިދިޔަ މަހުގެ 10ވަނަ ދުވަހުގައެވެ.

އެގްޒެކިއުޓާސްއާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިއަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފައެވެ.

މީގެ ކުރިން އޭޖީ އޮފީހުން ބުނީ އެޑްވާންސް ޕޭމަންޓު ދައްކާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލު ކުރެވޭނެ ކަމަށްވެސް އޮވެއެވެ.

އެއްބަސްވުން ބާތިލު ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައި ނުވާ ނަމަ އެއްބަސްވުން ބާތިލު ކުރުމުގެ އިތުރުން އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް ދެން މައްސަލަ ހުށަހަޅާނީ އާބިޓްރޭޝަނަށެވެ. އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގައިވެސް އުފެދޭ މައްސަލަތައް ހައްލު ކުރާނީ އާބިޓްރޭޝަން މެދުވެރިކޮށް ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ކުރިން ބުނެފައިވެއެވެ.

comment ކޮމެންޓް