ވޯލްޑް ބޭންކުގެ އެހީގައި އެކައުންޓިން ދާއިރާއިން 1000 މީހުން ތަމްރީނުކުރަނީ

ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެކައުންޓިން ދާއިރާއިން އެއްހާސް މީހުންނާއި އިތުރު ބައެއް ދާއިރާތަކުން މީހުން ތަމްރީނުކުރަން ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކްސް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވަރަށް އަވަހަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ހަމަޖެހިފައިވާ ކަމަށާއި މި ޕްރޮގްރާމްގެ ދަށުން އެކައުންޓިން ދާއިރާއިން ގިނަ ބަޔަކު ތަމްރީނުކުރާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އެކައުންޓިން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ އަޑުއަހަނީ އަބަދުވެސް އެކައުންޓެންސީއަށް ދިވެހިރާއްޖޭގަ ބައިވަރު ކޯސްތަކެއް އަންނަ ވާހަކަ. އެހެންނަމަވެސް މިއަދު ވެސް 4000 މީހުން އެބަތިބި ބޭރުގެ ފަރާތްތައް. ވޯލްޑް ބޭންކު ޕްރޮގްރާމްގަ އަޅުގަނޑުމެން 1000 މީހުން އެކައުންޓެންސީ ފީލްޑަށް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

އެކައުންޓިން ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީއަކީ ވެސް މުހިންމު ދާއިރާއެއް ކަން ފާހަގަކުރައްވާ އެ ދާއިރާއިން 200 މީހުން ތަމްރީނުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މި ޕްރޮގްރާމްތަކަކީ ބައިވެރިވާ ފަރާތްތަކަށް އެލަވަންސެއް ވެސް ލިބޭ ގޮތަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

comment ކޮމެންޓް