ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ރ. އަތޮޅާއި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ. މަޑުއްވަރީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މަޑުއްވަރީއަކީ މީގެ ކުރިން ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ރަށެއް ނޫނެވެ.
ރައީސް އެރަށަށް ވަޑައިގަންނަވަން ނިންމައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު، އިއްޔެ އެ ރަށް މޮނިޓަރިންގެ ހާލަތުން ނެގުމާ ގުޅިގެން ކަމަށް ބެލެވެއެވެ.
ކުއްލި ގޮތަކަށް މަޑުއްވަރި މޮނިޓަރިންގެ ހާލަތުން ނެގުމާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ވަނީ އެރަށް މޮނިޓަރިންއިން ނެގީ ރައީސް ސޯލިހުގެ ދަތުރުފުޅުގައި ވަޑައިގަތުމަށް ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު "ސަން" އަށް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތުން ނެގުމަކީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެޗްޕީއޭއިން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން އެ ރަށުގެ ވެކްސިން ޖެހޭ އާބާދީގެ 91 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަކޮށްފައިވާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު އެރަށުގައި އެކްޓިވްކޮށް އުޅެނީ ކަރަންޓީނުގައި ތިބި މީހުން ކަމަށާއި ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިއްޔެ ނެގި 144 ސާމްޕަލް ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ އެ ރަށް މޮނިޓަރިން އިން ނެގުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އެ ރަށުން ކޮވިޑްގެ އެކްޓިވް ކޭސްތަކެއް ފެނިފައިވަނިކޮށް، މޮނިޓަރިން އިން ނެގުމަކީ ބަލި އިތުރަށް ފެތުރިދާނެ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ކޮވިޑްގެ ހަތް ކޭސް ފެނިގެން މަޑުއްވަރީ މޮނިޓަރިންގައި އޮއްވާ، މިއަދު އިތުރު ދެ ކޭސް އަދި މާލެއަށް ދިޔަ މީހަކު ޕޮޒިޓިވެފައިވަނިކޮށް، ކުއްލިއަކަށް ރަށް މޮނިޓަރިން އިން ނެގުމަކީ ބަލި އިތުރަށް ފެތުރިދާނެ ކަމެއް" އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
އޭނާ ވަނީ ކުއްލިއަކަށް މަޑުއްވަރީ މޮނިޓަރިން އިން ނެގުމުގެ ފަހަތުގައި އޮތީ ކޮން ސިއްރެއްތޯ އެޗްޕީއޭ އާ ސުވާލުކޮށްފައެވެ.
މަޑުއްވަރީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެރަށުން ހަތް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި ދެ މީހުންނާއި ޕޮޒިޓިވްވި މީހުންނާ ބައްދަލުވި ފަސް މީހެކެވެ.