އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް އިތުރު އެލަވަންސް ދޭން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް އިތުރު އެލަވަންސެއް ދޭން މާލިއްޔަތު ކޮމިޓީން ހުށަހެޅި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން ފާސް ކުރި ރިޕޯޓުގައި ވަނީ އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް ދޭން މިހާރު ކަނޑައަޅާފައިވާ މުސާރަ އާއި ލިވިން އެލަވަންސް އަދި ސިޓިން އެލަވަންސްގެ އިތުރުން، ވަކި އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ދިނުމަށެވެ.

އެ އެލަވަންސް ދޭން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.

އެ އެލަވަންސް ދިނުމާ ބެހޭ ރިޕޯޓު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ.

އަތޮޅުތަކުގެ ނައިބު ރައީސުންނަށް އެލަވަންސް އިތުރު ކުރަން މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ހިމެނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމަށް ފާސްވުމާ އެކު، ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި އިނާޔާތްތައް މުރާޖައާ ކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން މީގެ ކުރިން މަޖިލީހަށް ފޮނުވި ރިޕޯޓަށް އިސްލާހު ގެންނަން ޖެހޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރެއްވުމުންނެވެ.

އެ މެންބަރުން އެ ގޮތަށް ފާހަގަ ކުރެއްވީ، ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ މުރާޖައާ ކުރި އިރު އަތޮޅު ކައުންސިލްގެ ނައިބު ރައީސާއި އާއްމު މެމްބަރުންގެ މުސާރަ އެއްވަރަކަށް ހުރުމުންނެވެ. އަދި އެ ދެ ފަރާތުގެ މުސާރައިގައި ފަރަގެއް ހުންނަން ޖެހޭ ކަމަށް ވިދާޅުވެއެވެ.

އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވަނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިންނެވެ. އަދި ނައިބު ރައީސަށް އިތުރު އެލަވަންސެއް ދޭން ނިންމީ، އަތޮޅު ކައުންސިލްގައި ދެންވެސް ތިއްބަވާނީ ހުސް ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށްވާތީ އާއި އެ ހުރިހާ މެންބަރުންގެ މުސާރަ އެއްވަރަކަށް ހުންނާނެތީއެވެ.

ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އެންމެ ފަހުން މުރާޖައާ ކުރި ގޮތުން، ރަށު ކައުންސިލްގެ ރައީސްގެ މުސާރައަށް 15،400 ރުފިޔާ ދޭ އިރު އެ މަގާމުގެ ލިވިން އެލަވަންސަކަށް 4،600 ރުފިޔާ ދޭނެއެވެ. އެހެންކަމުން ރަށު ކައުންސިލް ރައީސުންގެ ޖުމްލަ މުސާރަ 20،000 ރުފިޔާއަށް އަރާނެއެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްގެ ރައީސް ނޫން އެހެން މެންބަރުން ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް، ސިޓިން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ދޭނެއެވެ. ނަމަވެސް ސިޓިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކަށް ދެވޭނެ ޖުމްލަ އަދަދަކީ 2،000 ރުފިޔާއެވެ.

އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައިގެ ގޮތުގައި 22،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 5،600 ރުފިޔާ ދޭނެއެވެ. އެހެންކަމުން ޖުމްލަ އާމްދަނީ 28،000އަށް އަރާނެއެވެ.

comment ކޮމެންޓް