ދަނޑުވެރިކަމާއި މަސަވެރިކަމަށް ވަރަށް އަވަހަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

ސެޕްޓެމްބަރު 8، 2021: ށ. ފޯކައިދޫ ދަނޑުވެރިންނާ މަސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަަތަށް އިސްކަން ދީގެން މިހާރު ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު ވަރަށް އަވަހަަށް މި ދެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސްގެ ދެކަނބަލުން ދެ އަތޮޅަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ށ. ފޯކައިދޫ ދަނޑުވެރިންނާއި މަސްވެރިންނާ މިއަދު ހެނދުނު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ދެ މަސައްކަތުގައި ވެސް ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ދަނޑުވެރިކަމުން އުފައްދާ ތަކެތި ތާޒާކަންމަތީ މާކެޓްކުރުމަށް ދިމާވާ ދަތިތައްކަމަށެވެ.

އެގޮތުން އެކަން ހައްލުކޮށް ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެގްރޯނެޓްގެ އެހީތެރިކަން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 8، 2021: ށ. ފޯކައިދޫ ދަނޑުވެރިންނާ މަސްވެރިންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ހަމައެއާއެކު މަސްވެރިންގެ އެންމެ ބޮޑު އެެއް ޝަކުވާއަކަށް ވެފައި އޮންނަނީ މަހަށް ހަމަ އަގު ނުލިބުމާއި މަސްކިރުމުގައި ހުރި ދަތިތައްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭނުންވާ ވަރަށް އައިސް ނުލިބުންފަދަ ޝަކުވާތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ހައްލުކުރުމަށްޓަކައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމާއި ރާއްޖޭގައި މަސް ޕްރޮސަސްކޮށް އަގު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަކަމަށެވެ.

އެގޮތުން ކުރިން މިފްކޯއިން މަސްބޭރުކުރުމަށް ކުރަންޖެހުނު ހަރަދުތައް ކުޑަކޮށް މިފްކޯގެ އަމިއްލަ އުޅަނދެއްގައި މަސްބޭރުކުރަން ފެށުމާއި، މަސް ސްޓޯކުރެވޭ މިންވަރު އެތައް ގުނައަކުން އިތުރުކުރުމަކީ އެކަން ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު މަސްގަތުމާއި ޕޮރޮސެސް ކުރުމުގެ ގާބިލުކަން މިހާރު އިތުރުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މަހަށް އެކަށީގެންވާ އަގެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން މަސް ގަންނަ ޕްރައިވެޓް ފަރާތްތަކާ ވެސް މަޝްވަރާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް