ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު (ޑީޓީއާރުސީ)އިން އެއްފަހަރާ 172 މީހުންނަށް ފަރުވާ ދެވުނު ނަމަވެސް، މިވަގުތު ފަރުވާދެމުންދަނީ 26 މީހުންނަށް ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފިއެވެ.
އެންޑީއޭގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޑީޓީއާރުސީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާބޮޑަށް ދަށްވެފައިވަނީ ކޮވިޑް19ގެ ހާލަތަށް ފަހު ކަމަށެވެ.
"ކޮވިޑްގެ ހާލަތާއެކު އަޅުގަނޑުމެންގެ ފަރުވާދޭ މަރުކަޒުތައް ހުއްޓުމަކަށް އައީ. އޭރު ފަރުވާދެމުންދިޔައީ ކޮންމެހެން ފަރުވާ ދޭން ޖެހޭ މީހުންނަށް އެކަނި. ހަމައެއާއެކު ކޮމިއުނިޓީ ފަރުވާ ދޭ ހުރިހާ މަރުކަޒުތަކެއް ވެސް ހުއްޓުމަކަށް އައި." އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލޮކްޑައުންއަށްފަހު ޑީޓީއާރުސީ އަނެއްކާވެސް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފެށި ކަމަށާއި ނަމަވެސް އެތަނުގެ ޑިޓޮކްސް ފެސިލިޓީ ހުރީ މަރާމާތުކުރަން ޖެހިފައި ކަމަށެވެ. އެހެންކަމުން އޭގެ ފަހުން ޑީޓޮކްސިފިކޭޝަނަށް މީހުން ފޮނުވަނީ އެތަނުން ހިދުމަތް ދެވޭ ވަރަށް ކޮންމެ ހަފުތާއަކުވެސް ވަކި އަދަދެއް ކަނޑައަޅައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތަށް ފޮނުވާ މީހުންގެ ތެރެއިން ބައެއް މީހުން ފިލައިގެންދާ ކަމަށާއި ފަރުވާ ބޭނުން ނޫން ކަމަށް ބުނެ އެތަނުން އެއްބައި މީހުން ނުކުންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ހިންމަފުށީ ޑީޓީއާރުސީގެ ޑިޓޮކްސް ފެސިލިޓީ މަރާމާތުކުރަމުންދިޔަ ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޑިޓޮކްސް ފެސިލިޓީއާއި ރިމާންޑް ސެންޓަރުގެ ޑިޓޮކްސް ފެސިލިޓީއިން އެ ހިދުމަތް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިންމަފުށި ޑީޓީއާރުސީއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އޮފިޝަލް ވިދާޅުވީ އެންމެ ފަހުން އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާދިނީ މިދިޔަ ރޯދަމަހު ކަމަށެވެ. އޭރު އެތަނުން 111 މީހުން ދިޔައީ ފަރުވާ ހޯދަމުންނެވެ.