ގާސިމަކީ ބޮޑުވަޒީރު ކަމަށް ވަރަށް ރަނގަޅު ބޭފުޅެއް: ރައީސް ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަކީ ރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަގާމަށް ގެންނަން ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެ ގުރޫޕުގައި ދޮންބިލެތް ވިދާޅުވީ ގާސިމަކީ ބޮޑުވަޒީރުކަން ކުރެއްވުމަށް ގާބިލު ބޭފުޅެއް ކަމަށެވެ. އަދި ގާސިމަށް ރާއްޖެއަށް ކޮށްދެވޭނެ އެންމެ ބޮޑުކަމަކީ ރައްޔިތުންނަށް އަދުލުވެރިވެ އެމަނިކުފާނުހެ ބޮޑުވަޒީރުކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް އެހެން ވިދާޅުވުމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ އެ ވާހަކަތަކަށް ދެކޮޅު ހައްދަވައި ގާސިމަށް ބޮޑުވަޒީރުކަން ދޭން ތާއީދު ނުކުރެއްވޭނެ ކަަމަށް ވިދާޅުވެފައެވެ.

ބޮންޑޭ އެހެން ވިދާޅުވުމުން ދޮންބިލެތް ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދޭ ވާހަކައަކީ ބައެއް ބޭފުޅުންނަށް އަޑުއަހަން އުނދަގޫވާނެ ވާހަކައެއް ކަމަށާއި ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވާނެތީ އެކަމުގައި ޒާތީ ނަޒަރަކުން ބެލުމުން ކަމު ނުދާނެ ކަމަށެވެ.

މީގެ އިތުރުން، އިސްލާހީ މަސައްކަތުގައި ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމު ގެނައުމަށް ގާސިމްގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށާއި އެހެންކަމުން ސިޔާސީ ގޮތުން ގާސިމަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވަ ރައީސް ނަޝީދު ވިދާޅުވީ ހަލީމަކީ ދުުރުވިސްނޭ ބޭފުޅެއް ކަމަށާއި ގާސިމަކީ ބޮޑުވަޒީރުކަން ކުރުމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ގާސިމަށް ނަޝީދު ތައުރީފް ވެސް ކުރައްވައިފައިވެއެވެ.

އެ ވާހަކަތަކަށް ގާސިމް ވިދާޅުވީ ބޮޑުވަޒީރުކަމުގެ ބަދަލުގައި ޕިއޯނުކަން އެމަނިކުފާނަށް ދޭން ވެސް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށެވެ. އަދި އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަސް ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކެމްޕޭނެއް ފަށައި ޕެޓިޝަނެއްގައި ސޮއި ކުރުވަމުންނެވެ.

comment ކޮމެންޓް