ފިޔަވަތީގެ އެއްވެސް ކުއްޖަކަށް އަނިޔާއެއް ނުލިބޭ: ޖެންޑާ

ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގައި ސެންސަރީ ރޫމް ހޫޅުވުމަށް ބޭއްވި ރަސްމިއްޔަތުގެ ތެރެއިން---ފޮޓޯ: ޖެންޑާ މިނިސްޓްރީ

ރޭގެ ވަގުތެއްގައި ފިޔަވަތީގައި ހިނގި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސްއިން ބުނެފިއެވެ.

ފިޔަވަތީގެ ކުއްޖަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ މައްސަލައަށް ވަގުތުން އެޓެންޑް ވާން ފެށިކަމަށެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ، ދިރިއުޅުމުގެ މަރުހަލާތަކުގައި އެކި ބާވަތުގެ އަނިޔާ ލިބިފައިވާ ކުދިން ކަމަށެވެ.

އަދި އެއީ އެކަމުގެ އަސަރު އެކުދިންގެ މުޅި ދިރިއުޅުމުގައި ތަހައްމަލް ކުރަމުންދާ ކުދިން ކަމަށެވެ.

އެހެން ކުދިންނެކޭ ވެސް އެއްފަދައިން، މި ކަންކަމަކީ، ފިޔަވަތީގެ ކުދިންގެވެސް ނަފްސާނީ ސިއްހަތާ ގުޅިފައިވާ ކަމަކަށް ވާތީ، އެކި ގޮތްގޮތުން އެކުދިންގެ އިހުސާސްތައް ބުނެދިނުމަށް އެކުދިން މަސައްކަތް ކުރާ ކަމަށް ޖެންޑާއިން ބުނެއެވެ.

އަމާޒަކީ ރައްކާތެރިކަން ބޭނުންވާ ހުރިހާ ކުދިންނަށް އެފަދަ މާހައުލެއް ގާއިމު ކުރުން ކަމަށާއި، މި ދަނޑިވަޅުގައި ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަމެއް އަންނަ ފަދަ ކަންކަމުން ދުރުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރިއެވެ.

comment ކޮމެންޓް