ނޮޅިވަރަމްގައި ކޮވިޑުގެ ހާލަތު ގޯސްވެ މަޖިލީހުގެ ސަމާލުކަމަށް

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ-- ފޮޓޯ/ މަޖިލިސް

ހދ. ނޮޅިވަރަމްގައި ކޮވިޑް19ގެ ހާލަތު ގޯސްވެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ކޮވިޑް19އާ ގުޅިގެން ނޮޅިވަރަމްގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

އާބާދީގައި 2،770އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނޮޅިވަރަމްގައި މިއަދާ ހަމައަށް 202 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ރަށު ސިއްހީ މަރުކަޒުގައި އެމްބިއުލެންސެއް ނެތް ކަމަށާއި އެމްބިއުލެންސްގެ ބަދަލުގައި ބޭނުންކުރަމުންދަނީ ޕިކަޕެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މިކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރި ގޮތް ނޫން ކަމަށާއި އެކަން ހައްލުކޮށްދީ، ރައްކާތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދެވޭނެ ފަދަ އުޅަނދެއް ސިއްހީ މަރުކަޒަށް ހޯދައިދިނުމަށް ކަމާބެހޭ ފަރާތްތަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

ކޮވިޑް-19 އާއެކު ނޮޅިވަރަމުގެ ހާލަތު ގޯސްވެ ބަލި މީހުން ޕިކަޕުގައި އުފުލަނީ -- ފޮޓޯ/ ހދ. ނޮޅިވަރަން ކައުންސިލް

ނޮޅިވަރަމްގެ އިތުރުން ނޮޅިވަރަންފަރުގައި ވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދިއުމާއެކު ރަށަށް އަރައިފޭބުމަކީ ދަތިކަމެއް ކަމަށާއި އެހެންކަމުން އެ ދެ ރަށަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ އެންމެހާ ތަކެތި ހޯދައިދީ، ސިއްހީ ދާއިރާއަށް ގާބިލު ފަރާތްތައް ފޮނުވައިދިނުމަށްވެސް ކުއްލި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

އެ މައްސަލައަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ނޮޅިވަރަމްގެ މައްސަލަ ހެލްތު މިނިސްޓަރު އަހްމަދު ނަސީމަށްވެސް ދަންނަވާފައިވާ ކަމަށެވެ.

"ސަރުކާރު ތެރެއިން މިކަމުގައި ލިބެންޖެހޭ ފުރިހަމަ އެއްބާރުލުންދީ، ވީހާވެސް އަވަހަށް ނޮޅިވަރަމްގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކޮށްދޭނެ ވާހަކަ ދަންނަވަން." މެމްބަރު އަބްދުލްްގަފޫރު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުއްލިއަކަށް ރަށްރަށުގައި ކޮވިޑް ފެތުރިގެންދާއިރު އެކަމާ ކުރިމަތިލާނެ ގޮތެއް ދެނެގަންނަން ޖެހޭ ކަމަށެވެ.

"ހުރިހާ ރަށެއްގައި ހުރިހާ ވަސީލަތްތައް ނެތުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެއްވެސް މީހެއްގެ ހިތަށް ކުޅަދާނައެއް ނުވާނެ ބަރޯއެއްގައި ނުވަތަ ޕިކަޕެއްގައި ބަލިމީހުން އުފުލާ މަންޒަރު ދެކޭކަށް. އެއީ ސަރުކާރުން ވެސް ބޭނުންވާނެ ގޮތެއް ކަމަށް ނުދެކެން." މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ ހާލަތު މިހާރު އޮތްގޮތުން މޮބައިލް ޓީމެއް އެކުލަވާލައިގެން ރަށްރަށަށް އެ ޓީމު ފޮނުވައިގެން މަސައްކަތް ކުރެވޭ ގޮތަށް ކަންކަން އިންތިޒާމު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ މިފަދަ މައްސަލަތަކަށް ލިބޭނެ ހައްލެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވިދާޅުވީ މިފަދަ ހާލަތެއްގައި މޮބައިލް ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހަމައެއާއެކު ދުނިޔޭގެ ހާލަތު އޮތް ގޮތުން އެމްބިއުލެންސެއް ހޯދުމުގައި ހުރި ދަތިތައްވެސް މެމްބަރު ޒިޔާދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މިހާރު ވެސް އެމްބިއުލެންސްތަކަކަށް އޯޑަރު ދީފައިވާކަމުގެ މައުލޫމާތު ހެލްތު މިނިސްޓްރީގެ ފަރާތުން ލިބިފައިވާ ކަމަށާއި ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތައް ބަންދުކޮށްފައި ހުރުމާއެކު ޓްރާންސްޕޯޓުގައި ހުރި ދަތިތަކާއެކު އެކަމަށް ވަގުތު ނަގާކަމަށް ވިދާޅުވިއެވެ.

ނޮޅިވަރަމްގައި ބަލިމީހުން އުފުލަން ޕިކަޕު ބޭނުންކުރަން މަޖުބޫރުވީ ސިއްހީ މަރުކަޒުގެ އެމްބިއުލެންސް ހަލާކުވެފައި އޮތުމުންނެވެ.

ކޮވިޑްގެ ކޭސްތަކެއް ފެނިގެން ނޮޅިވަރަމް މޮނީޓަރިންއަށް ގެނައީ ހުސްވި އޮގަސްޓް މަހުގެ 28ވަނަ ދުވަހުގައެވެ.

އޭގެ ފަހުން އެ ރަށުން 202 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންވެސް ހިމެނެއެވެ.

comment ކޮމެންޓް