އަލިފުށި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށަނީ

އޮގަސްޓް 22، 2021: ހެލްތު މިނިސްޓަރު އަހްމަދު ނަސީމް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރ. އަލިފުށީގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އަލިފުށީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ މިހާރު ނިމިފައިވާ ކަމަށެވެ.

"މި ޕްރޮޖެކްޓުގެ މަސައްކަތް ޔޫއެސްޕީ މޮޑެލްގެ ދަށުން ކުރިއަށްގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓާއެއް ހޮވައި އެފަރާތާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރަންޖެހޭ ފްރޭމްވޯކް އެގްރީމަންޓްގައި 30 ޖޫން 2021ގައި ސޮއިކޮށް މިހާރު ކުރެވެމުންދަނީ ދެ ފަރާތުގެ ދެމެދުގައި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް. މި ޕްރޮކެޖްޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށުމަށް ވަނީ ޕްލޭންކޮށްފައި." މިނިސްޓަރު ނަސީމް ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަލިފުށީ އެއާޕޯޓު އެޅުމާއި ބިންހިއްކުމާ ގުޅޭގޮތުން މެމްބަރު ކުރެއްވި ސުވާލަށް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ ލިޔުމުން ޖަވާބު ދެއްވާފައެވެ.

މެމްބަރު ހަސަންޓޭ ސުވާލުކުރެއްވީ ބިން ހިއްކަން ފަށާނެ ތާރީހަކާއި ހިއްކާ ސަރަހައްދުގެ ބޮޑުމިނާއި އެއާޕޯޓު އެޅުމުގެ މަސައްކަތް ފެށޭނެ ތާރީހާ ގުޅޭގޮތުންނެވެ.

އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށްޓަކައި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު މި މަހުގެ އެއްވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ އީއައިއޭ އަދި މަޝްރޫއުގެ ޑިޒައިން މަރުހަލާއަށްފަހު ކަމަށެވެ. އެ މަރުހަލާއަށް ހޭދަވާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވީ ހަ މަސް ދުވަހުގެ މުއްދަތެކެވެ.

"މި މަސައްކަތަށް ބޭނުންކުރަނީ މަހާ ޖައްރާފާ ކަމަށްވުމުން، މަސައްކަތް ޝެޑިއުލްކުރެވޭނީ މަހާ ޖައްރާފާގެ މަސައްކަތްތަކަށް ބެލުމަށްފަހު ކަމަށްވާތީ، ބިން ހިއްކަން ފަށާނެ ވަކި ތާރީހެއް ކަނޑައެޅޭނީ އީއައިއޭ އަދި ޑިޒައިން މަރުހަލާ ނިމުމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަހައްދެއް ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ.

މެމްބަރު ހަސަންޓޭގެ ތިންވަނަ ސުވާލު އަމާޒުކުރައްވާފައިވަނީ އަލިފުށީގެ މަގުހަދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހާ ގުޅޭގޮތުންނެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އަލިފުށްޓަކީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ކޮންޓްރެކްޓްކޮށް، އެ މަސައްކަތް ކުރިއަށްދާ ރަށެއް ކަމަށާއި އުސޫލެއްގެ ގޮތުން މަގުހެދުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ކަމަށެވެ.

"ނަމަވެސް 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭތީ މަގުހެދުމުގެ މަސައްކަތް މިއަހަރު ކޮންޓްރެކްޓް ކުރެވުނު ނަމަވެސް، އަމަލީ މަސައްކަތް ފެށޭނީ ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން." މިނިސްޓަރު ވިދާޅުވިއެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ނިންމާފައިވާއިރު، އަލިފުށީ ފަޅު ހިއްކައިގެން އަޅާ ރިސޯޓް ހަދާނެ ބަޔަކު ހޯދަން އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

https://sun.mv/156521

comment ކޮމެންޓް