ތާލިބާނުންގެ ސަރުކާރުގެ ހެޑް އޮފް ސްޓޭޓަކަށް ހިބަތުﷲ، ބޮޑުވަޒީރަކަށް މުޙައްމަދު ޙަސަން އަޚުންދް

އަފްޣާނިސްތާނުގެ އަމީރު ކަމަށް ހަމަޖެއްސި ތާލިބާނުންގެ ރޫހީ ލީޑަރު މުއްލާ ހިބަތުﷲ އަޚުންޒާދާ

ކާބުލް (ސެޕްޓެމްބަރު 8) : އަފްޣާނިސްތާނު ކޮންޓްރޯލްކުރާ ތާލިބާން ޖަމާއަތުން އެގައުމުގައި ވަގުތީ ސަރުކާރެއް އެކުލަވާލައި އެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

މިސަރުކާރުގެ ވެރިއަކީ ނުވަތަ ބޮޑުވަޒީރަކީ ތާލިބާނުންގެ އިސް ލީޑަރެއްކަމަށްވާ މުއްލާ މުޙައްމަދު ޙަސަން އަޚުންދްއެވެ. ބޮޑުވަޒީރުގެ ނައިބަކީ ތާލިބާނުންގެ ސިޔާސީ އޮފީހުގެ އެންމެ އިސްވެރިޔާ މުއްލާ އަބްދުލްޣަނީ ބަރަދާރެވެ. ކުރިން އަޑުތައް ފެތުރުނު ގޮތުގައި ބޮޑުވަޒީރަކަށް ހަމަޖައްސާނީ އަބްދުލްޣަނީ ބަރަދާރެވެ. ނަމަވެސް އޭނާގެ ބަދަލުގައި ބޮޑުވަޒީރަކަށް ހަމަޖެއްސީ އޭނާއަށްވުރެ ދުވަސްވީ ބޭފުޅެއްކަމަށްވާ މުޙައްމަދު ޙަސަން އަޚުންދް އެވެ. މިގޮތަށް ހަމަޖެއްސީ ތާލިބާނުންގެ ތެރޭގައި ޚިޔާލު ތަފާތުވުމުގެ ސަބަބުންކަމަށް ޚަބަރުތައް ބުނެއެވެ.

އަފްޣާން ވަގުތީ ސަރުކާރުގެ ބޮޑުވަޒީރަކަށް ހަމަޖެއްސި މުއްލާ މުހައްމަދު ހަސަން އަޚުންދު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ނަވާޒް ޝަރީފް ހުންނެވި ދުވަސްވަރު ނަވާޒް ޝަރީފް އާ ބައްދަލު ކުރައްވަނީ

ތާލިބާނުން އިއުލާންކުރި އަފްޣާން ސިޔާސީ ނިޒާމުގެ އެންމެ އިސްވެރިއަކީ (ހެޑްއޮފް ސްޓޭޓް އަކީ) އެޖަމާއަތުގެ މިހާރުގެ ރޫހީ ލީޑަރު މުއްލާ ހިބަތުﷲ އަޚުންޒާދާއެވެ. އޭނާގެ މަގަމަކީ އަމީރެވެ. އަފްޣާނިސްތާނުގެ ރަސްމީ ނަމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިސްލާމިކް އެމިރޭޓްސް އޮފް އަފްޣާނިސްތާނެވެ. އެއީ ވެރިކަމުގެ ބައެއް ބާރުތައް ލިބިފައިވީ ނަމަވެސް މައިގަނޑު ގޮތެއްގައި ޝަރަފުވެރި މަގާމެކެވެ. ސަރުކާރު ހިންގުމުގެ ބާރުތައް އޮންނާނީ ބޮޑުވަޒީރާއި އޭނާގެ ދަށުގައި ތިއްބަވާ ވަޒީރުންގެ އަތްޕުޅުގައެވެ.

އަފްޣާން ވަގުތީ ސަރުކާރު އެކުލަވާލިކަން ހާމަކުރަމުން ތާލިބާނުންގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ބުނި ގޮތުގައި ވަގުތީ ސަރުކާރު އެކުލަވާލުމުގައި އިސްކަން ދީފައިވާނީ ބޭރު ގައުމުތަކުގެ ގޮވާލުން ތަކަށްވުރެ ބޮޑަށް އަފްޣާނިސްތާނުގެ އެތެރޭގެ ކަންތައް ހަމައަކަށް އަޅުވައި ސުލްހަ ގާއިމް ކުރުމަށާއި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިވަގުތަށް އެންމެ މަސްލަހަތު ހުރިގޮތަށް ކަމުގައެވެ.

އަފްޣާން ވަގުތީ ސަރުކާރުގެ ދިފާއީ ވަޒީރަކަށް ހަމަޖެއްސި މުހައްމަދު ޔައުގޫބް

ވަގުތީ ސަރުކާރަށްފަހު ދެން އިއުލާންކުރާ ސަރުކާރު އަފްޣާނިސްތާނުގެ ހުރިހާ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތަކެއްގެ މީހުން ތަމްސީލް ކުރާގޮތަށް ބައްޓަން ކުރުމަށް އިސްކަން ދޭނެކަމަށް މުޖާހިދު ބުނެފައިވެއެވެ. ތާލިބާނުން އެކުލަވާލި ވަގުތީ ސަރުކާރުގައި މުޅިން ކަހަލަ ގޮތަކަށް ހިމެނެނީ އެޖަމާއަތުގެ ލީޑަރުންނާއި އެޖަމާއަތުގައި ނުފޫޒުގަދަ ފަރާތްތަކެވެ. ނަމަވެސް ވަޒީރުން ހަމަނުޖައްސާ ވުޒަރާތައް އަދި އެބަހުއްޓެވެ. އަދި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިސް މަގާމުތައްވެސް އަދި ހުރީ ހުހަށެވެ.

ދުނިޔޭގެ ގައުމުތަކުން ތާލިބާނުންނަށް އިލްތިމާސް ކޮށްފައި ވަނީ އަފްޣާނިސްތާނުގައި އެކުލަވާލާ ސަރުކާރަކީ އެގައުމުގެ ރައްޔިތުން ނިސްބަތްވާ ހުރިހާ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތަކެއްގެ މީހުން ތަމްސީލް ކުރާގޮތަށް ބައްޓަން ކުރާ ސަރުކާރަކަށް ހެދުމަށެވެ. އެއީ މިނޫންގޮތަކަށް އަފްޣާނިސްތާނަށް ސުލްހަ ނުގެނެވޭނެތީއެވެ.

ތާލިބާނުންވެސް ވަނީ މިކަމަށް ބަލާނެކަމަށް ކުރިން ބުނެފައެވެ. ނަމަވެސް ތާލިބާނުން އެކުލާވާލި ވަގުތީ ސަރުކާރު އޮތީ މިގޮތަކަށް ނޫނެވެ. އަދި ކެބިނެޓްގެ އެއްވެސް މަގާމަކަށް އަންހެނަކުވެސް އައްޔަން ކޮށްފައެއް ނުވެއެވެ.

އެހެންކަމުން ތާލިބާނުންގެ ވަގުތީ ސަރުކާރާ މެދު އެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ހިތްހަމަނުޖެހޭނެކަމަށް ވަނީ ބެލެވިފައެވެ. ޚާއްސަކޮށް އެމެރިކާއަކީ އަފްޣާން ރައްޔިތުން އުޅޭ ނިކަމެތި ހާލަތަށް ބެލުމެއްނެތި އެމެރިކާގެ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި މިހާރުވެސް އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވަގުތީ ޚާރިޖީ ވަޒީރަކަށް ހަމަޖެއްސި އަމީރު ޚާން މުއްތަގީ

ތާލިބާނުން އެކުލަވާލި އަފްޣާން ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު މުއްލާ ޙަސަން އަޚުންދްއަކީ އެޖަމާއަތް އުފެއްދި ބާނީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ ތާލިބާނުންގެ މަޝްވަރާ މަޖިލިސް ކަމަށްވާ "ރަހްބަރީ ޝޫރާ" ގެ ރައީސް ކަމުގެ މަގާމުގައެވެ.

ތާލިބާނުން އުފެއްދި ސަރުކާރުގެ ކެބިނެޓްގައި ދާޚިލީ ވަޒީރަކަށް ހަމަޖައްސާފައިވަނީ އެ ޖަމާއަތުގައި ހިމެނޭ ހަނގުރާމަވެރި އެހެން ޖަމާއަތެއް ކަމަށްވާ ޙައްގާނީ ނެޓްވާކްގެ ވެރިޔާ އަދި ކޮމަންޑަރު ސިރާޖުއްދީން ޙައްގާނީއެވެ. މިއީ އެމެރިކާ އިން ޓެރަރިސްޓެއްކަމަށް ސިފަކޮށް އެމެރިކާއިން ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ. ނަމަވެސް އެމެރިކާ ދެކޭގޮތަށް ތާލިބާނުން މާބޮޑު ސަމާލުކަމެއް ދީފައިނުވާކަން އެޖަމާއަތުގެ މި ނިންމުމުން އެނގެއެވެ.

ދިފާއީ ވަޒީރުކަމަށް އައްޔަންކޮށްފައި ވަނީ ތާލިބާން ޖަމާއަތުގެ ބާނީ މުއްލާ މުހައްމަދު އުމަރުގެ ދަރިކަލުން މުއްލާ މުހައްމަދު ޔައުގޫބެވެ. ޚާރިޖީ ވަޒީރުކަމަށް ޢައްޔަންކޮށްފައި ވަނީ އަމީރް ޚާން މުއްތަގީއެވެ. އޭނާއަކީ ގަތަރުގެ ވެރިރަށް ދައުހާގައި ތާލިބާނުންނާއި އެމެރިކާއާ ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގައި ތާލިބާނުންގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި އެޖަމާއަތުގެ މަސްއޫލުވެރިއެކެވެ.

އަފްޣާން ސިފައިންގެ ލަޝްކަރުތަކުގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ އަސްކަރީ ބެކްގްރައުންޑްގެ މީހެއްކަމަށްވާ މައުލަވީ ފަސީހުއްދީންއެވެ. ޖަސްޓިސް މިނިސްޓަރަކަށް މައުލަވީ އަބްދުލްހަކީމްއެވެ. ފެނާއި ކަރަންޓާބެހޭ ވުޒާރާގެ ވަޒީރަކަށް މުއްލާ އަބްދުއްލަތީފް މަންސޫރެވެ. އަފްޣާން ޖާސޫސީ އިދަރާގެ ވެރިއަކަށް ހަމަޖައްސާފައިވަނީ އަބްދުލްހައްގު ވަސީގުއެވެ. އަފްޣާން މަރުކަޒީ ބޭންކްގެ ގަވަރުނަރު ކަމުގެ މަގާމަށް ހާޖީ އިދްރީސްއެވެ. މިއީ މުޅިންވެސް ތާލިބާން ޖަމާއަތަށް ނިސްބަތްވާ އެޖަމާއަތުގެ މަސްއޫލުވެރިންނެވެ.

comment ކޮމެންޓް