ކޯޓުތަކަށް ނުފޫޒު ފޯރުވާކަށް ނޫޅެން: އަދުރޭ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ކޯލިޝަނުން އެއްވެސް އިރެެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާނެކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާކުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު ގައުމު ސަލާމަތްކުރުމުގެ އެންމެ ބޮޑު އެއް ބާރު އޮތީ ސުޕްރީމް ކޯޓުގެ އަތުގައިކަމަށެވެ. އެހެންނަމަވެސް އެއީ ކޯޓުތަކަށް ނުފޫޒު ފޯރުވަން ދައްކަވާ ވާހަކަފުޅެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަލީ ޒާހިރަށް އެހެރީ ވަރަށް ބޮޑަށް އޮޅިވަަޑައިގެންފައި. ކޯޓުތަކަކަށް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅިގަނޑުމެންގެ ވެރިކަމުގައި ވެސް ކުރިކަމެއް ނޫން. މިއަދު ވެސް ކުރަން ބޭނުންވާ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ އަޑު އެ ކޯޓުތަކަށް އިއްވަން އަޅުގަނޑުމެން ބޭނުން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޯޓުތަކުން ނިންމާ ނިންމުމެއްގެ ސަބަބުން ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ދިއުމަކީ ވެސް ވެދާނޭ ކަމެއްކަމަށެވެ. އަދި އެއީ އެ ކޯލިޝަނުން ދުވަހަކު ވެސް އެދޭނެ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވަނީ މިއަދު ގައުމުގެ ހާލަތު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ގައުމު ސަލާމަތްކުރުމުގެ މަސައްކަތަކީ ހަމައެކަނި ޕީޕީއެމަށް ކުރެވޭނެ ކަމެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ގައުމު ސަލާމަތްކުރުމަށް ގައުމުގެ ދިފާއީ ބާރާއި، ފުލުހުންނާއި، ރައްޔިތުން މަސައްކަތްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވެފައެވެ.

އަދި މިއަދު ގައުމުގައި ސިޔާސީ ވާހަކަދެއްކުމަށް ހާލަތު ތަން ނުދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް