ވިސްނުމަކީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްގީކުރުން: ރައީސް

ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްގީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްގީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސްގެ ދެކަނބަލުން މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ފުނަދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފުނަދޫގައި އެއާޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްގީގެ މަރުކަޒުގެ ގޮތުގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމާއި ގެދޮރުގެ ދަތިކަމާއި އެއަރޕޯޓަށް ދާ މަގު ރަނގަޅު ފެންވަރަކަށް ހެދުމާއި، ފަރުކޮޅާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ހޮސްޕިޓަލުގެ ބޭނުމަށް ކޮވިޑާ ގުޅިގެން ނަގާފައިވާ ބައެއް އިމާރާތްތައް އަލުން ބޭނުންކުރެވޭގޮތްވުމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިގްތިސޯދީ ތަރައްގީއަށް މުހިންމު ކަންކަމާއި ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި މުހިންމު މައްސަލަތައް ހިމެނެއެވެ.

ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ ލާބައާއި މަންފާއަށް އެ ކޮމެޓީން ކުރިޔަށްގެންދަން ބޭނުންވާ ތަމްރީނުތައް ފަދަ ކަންކަން ކުރިޔަށްގެންދިއުމަށް އަންހެނުންގެ މަރުކަޒެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިގްތިސޯދީ ހާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވައިގެން ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވައިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް