މިލަންދޫގައި މިނީ ހޮސްޕިޓަލެއް ގާއިމްކުރަނީ

ސެޕްޓެމްބަރު 7، 2021: ށ. އަތޮޅު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުން

ށ. މިލަންދޫގައި މިނީ ހޮސްޕިޓަލެއް ގާއިމްކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މި ނިންމުން ނިންމަވާފައިވާކަން ހާމަކުރެއްވީ ށ. އަތޮޅާއި ރ. އަތޮޅަށް ރައީސްގެ ދެކަނބަލުން މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ށ. ފުނަދޫއަށް ވަޑައިގެން ށ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކޮށްފައެވެ. އަދި އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރައްވާފައެވެ.

އެގޮތުން އަތޮޅުގައިވާ ފަޅުރަށްތައް ދޫކުރުމުގައި ހުރި ކަންބޮޑުވުންތައް ވަނީ ރައީސްއާ ހިއްސާކޮށްފައެވެ. އަދި އަތޮޅުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ވަނީ ރައީސް އަރިހުން ވަނީ އެދިފައެވެ.

ހަމައެއާއެކު އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެގޮތުން ބޭނުންވާ ކަންކަމާއި، ށ. އަތޮޅު ހޮސްޕިޓަލްގެ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ށ. އަތޮޅުގެ ތަޢުލީމީ ހިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ސެޕްޓެމްބަރު 7، 2021: ށ. އަތޮޅު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުމުގެ ތެރެއިން ބައެއް ވަޒީރުން

އެއާއެކު ކައުންސިލުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ އެ އަތޮޅުގައި ހިންގަމުން އަންނަ ބައެއް މަޝްރޫތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ށ. ބިލެތްފަހި އެއާޕޯޓް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ހުޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ.

އަދި ސަރުކާރާއި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނަމަ ތަރައްގީގެ މަޝްރޫތައް އަވަހަަށް ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ދެކަނބަލުން މިހާރު ށ. ފުނަދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް