ފައިރޫޝް ރިޓަޔާ ކުރުން ބަލައިނުގަންނަން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން-- ފޮޓޯ: މަޖިލިސް

ކުރީގެ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނިންމައި އެކުލަވާލި ރިޕޯޓު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ރިޕޯޓު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އެ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ޚިދުމަތުގެ އާ ގާނޫނު ތަސްދީގުކޮށްފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހަކު ރިޓަޔާ ނުކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީއެވެ.

ކޮމިޓީގެ ރިޕޯޓުގައި ވާ ގޮތުން ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ކޮމިޓީއަށް ދެއްވި މަޢުލޫމާތުގައި ފައިރޫޝް ރިޓަޔާކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ސުވާލު އުފައްދައި އެއްވެސް މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 112 ވަނަ މާއްދާގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ޙާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ޙާލަތުވެސް އުފެދިފައި ނެތި ޑރ.ޢަބްދުﷲ ފައިރޫޝްގެ ޢަމަލުތައް ރަސްމީ ޕާލަމަންޓަރީ ރިކޯޑިން ތަކުންނާއި، ޢާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންގ ތަކުން ފެންނަންހުރި މަންޒަރުތަކުން، ޝަރަފުވެރިކަމާއެކު ފައިރޫޝް ވަޒީފާއިން ރިޓަޔާކުރެއްވުމަށް ނިންމަވާފައިވާ ނިންމުން އެންމެ ފުރިހަމައަށް ބެލިފައިވާކަމަށް މި ކޮމިޓީއަށް ޤަބޫލުނުކުރެވޭ ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފައިރޫޝްއަކީ ފެބުރުއަރީ ހަތެއްގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުން، ފުލުހުންގެ އިދާރާއާ ވަގުތީ ގޮތުން ހަވާލުވި ބޭފުޅާއެވެ. އަދި އެ ދުވަހު ނަޝީދު އިސްތިއުފާ ދެއްވަން ކުރިމަތިވި ހަމަނުޖެހުންތަކުގައި ފައިރޫޝް އިސް ދައުރެއް އަދާކުރެއްވި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް