މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ މެދު އަމަލުކުރާ ފުރަތަމަ މަރުހަލާގައި ވެސް ފުލުހުން ގޮތް ހުސްވެފައި

26 ނޮވެމްބަރ 2020: މަސްތުވާތަކެތި އޮޕަރޭޝަނެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ މެދު އަމަލު ކުރަން ޖެހޭ ފުރަތަމަ މަރުހަލާ ވެސް ތަންފީޒުނުކުރެވި، ފުލުހުން ގޮތް ހުސްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

"ޗޭންޖް އެންޑީއޭ 2020 ޕެޓިޝަން"އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން ވަނީ ކަމާ ބެހޭ އިދާރާތަކާ ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޝާކިރު ވިދާޅުވީ މައްސަލައަކީ ހަމައެކަނި އެންޑީއޭގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެންޑީއޭގައި ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް ނެތީ ކެޕޭސިޓީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޝާކިރު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން، ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު މަގުމަތިން ދެނެގަނެވި، އެމީހަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ފުލުހުންނަށް ފެނިއްޖެ ނަމަ، އެމީހަކު ކޯޓުން އަމުރެއްގެ ދަށުން ރިމާންޑު ޖަލެއްގައި ބަންދުކުރެވޭ ކަމަށެވެ.

ޕެޓިޝަން ކޮމިޓީއަށް ކަމާބެހޭ އިދާރާތަކުން ހާޒިރުކޮށްފައި-- ފޮޓޯ: މަޖިލިސް

އެގޮތުން ގުޅީފަޅުގައި ރިމާންޑު ސެންޓަރު ހުޅުވިގެން ދިއުމާއެކު، ބަންދުގެ މުއްދަތު ޖަހަމުން އައީ ކްރިމިނަލް ކޯޓުން ކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން 12 އޮގަސްޓު 2021 އާ ހަމައަށް 238 މީހަކަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ އެކަން އެގޮތަށް ހިނގަމުން އައިސް، 12 އޮގަސްޓުގައި ކްރިމިނަލް ކޯޓުން، ރިމާންޑަށް މީހުން ބަންދުކުރުމަކީ އެ ކޯޓުގެ އިހުތިސޯސްގެ ތެރެއިން ވާ ކަމެއް ނޫން ކަމަށް ނިންމި ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ބަންދު ޖެހުން ހުއްޓާލުމުން ދެން ދާންވީ ކޮންތަނަކަށް ކަން ފުލުހުންނަށް މިއަދާ ހަމައަށް ވެސް ސާފުނުވާ ކަމަށެވެ.

" އެކަމުގަ މިއަދާ ހަަމައަށް ވެސް އަޅުގަނޑުމެން ދާންވީ ކޮން ކޯޓަކަށް ކަމެއް ނޭނގެ. ޑްރަގް ކޯޓުތޯ ކްރިމިނަލް ކޯޓުތޯ ނޫނީ ކޮން ކޯޓެއް ކަމެއް. އެހެންވީމަ އޭގެ ނަތީޖާއަކަށް ވެގެން މިދަނީ މަސްތުވާ ހާލުގަ ތިބޭ މީހުންނޭ ދޭތެރޭގަ ފުރަތަމަ މަރުހަލާގަ ވެސް ކުރާނެ ކަމެއް ނެތުން ނޫނީ ގޮތް ހުސްވުން" ޝާކިރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގާނޫނުގެ ތެރެއިން ބައެއް ގޮންޖެހުންތައް ހުރިނަމަވެސް ގާނޫނުގައި މައްސަލައެއް ނެތް ކަމަށެވެ. އަދި މައްސަލައަކީ ގާނޫނު ތަރުތީބު ކުރެވިފައި އޮތް ގޮތަށް މަސައްކަތް ނުކުރެވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންގެ ތަފާސްހިސާބުތައް އާންމުކުރައްވަމުން ޝާކިރު ވިދާޅުވީ ފާއިތުވީ 10 ދުވަސް ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކެފޭތަކުންނާއި މާލޭގެ މަގުމަތިން މަސްތުވާތަކެތި ބޭނުންކުރާ 547 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން 335 މީހުންނަކީ ފަރުވާ ހޯދަން ޖެހޭ މީހުން ކަމަށެވެ.

comment ކޮމެންޓް