މި މަހު 15 އިން ފެށިގެން، ވަކި ފަންގިފިލާތަކުން ކުނި ނަގަނީ

ސެޕްޓެމްބަރ 7، 2021: ކުނި ނެގުމާ ބެހޭ ގޮތުން ވެމްކޯގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ގޭބިސީތަކުގެ ވަކި ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް އަލުން އިޔާދަކުރަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމައިފިއެވެ.

މާލޭގެ ގޭބިސީތަކުން ކުނި ނެގުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ކުނި ނަގަމުން ދިޔައީ، ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރުމުން ކަމަށެވެ.

އެގޮތުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކާއި ނުވެ ކުނި ނެރުނު ފަރާތްތަކަށް ވެސް ތަފާތު ނުކޮށް އެ ދުވަސްވަހު ހިދުމަތް ދީފައިވާ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު 15 އިން ފެށިގެން ވަކިވަކި ފަންގިފިލާއިން ކުނި ނެގުން އަލުން ފަށާއިރު، ހިދުމަތް ލިބިގެން ދާނީ ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

އެހެންކަމުން ވެމްކޯގެ ހިދުމަތް ހޯދަން ބޭނުންވާ ހުރިހާ ފަރާތްތަކުން ވެސް ރަޖިސްޓްރީ ވުމަށް އޭނާ އެދިލެއްވިއެވެ.

ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީވެ، މިހާތަނަށް ފީ ދައްކާފައި ނުވާ ފަރާތްތަކުން، މިދިޔަ ތިން މަހުގެ ބިލްތައް ފިޔަވާ، އޭގެ ކުރިން ހުރި ބިލްތައް ދެއްކުމުން ހިދުމަތް އަލުން ފަށާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދުން ފެށިގެން ވެކްމޯގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނީ، އެ އިމާރާތެއް ވެރިފަރާތަށް އެކަންޏެވެ. ނަމަވެސް ރަޖިސްޓްރީ ވުމަށްޓަކައި ވަކި އެޕާޓްމަންޓްގެ ގޮތުގައި އެދެވޭނެ އެވެ.

ދުވަހު ކުނީގެ ގޮތުގައި ބަރު އަދި ބޮޑެތި ކުނި ނެގުމަށް ހަމަޖެހިފައި ނުވާއިރު، ކޮންމެ ގޭބިސީއަކުން ވެސް ދުވަހު ކުނީގެ ގޮތުގައި އުކާލެވޭނީ، މިންގަނޑާށް ފެތޭ (40 ލީޓަރު) ސައިޒްގެ ތިން ޑަސްބިން ކޮތަޅު ނުވަތަ ކަޅު ޑަސްބިން ކޮތަޅު (120 ލީޓަރު) ގެ ކުންޏެވެ.

ކުނި ނެގުމަށް ވަކިވަކި ފަންގިފިލާއަށް އަރާއިރު، އެކަމަށް ގިނަ އިރުތަކެއް ހޭދަވާނެތީ، ވެށިފާރަވެރިންނަށް ފަސޭހައިން ކުނި ނަގާ، ބޭލޭނެ ނިޒާމު ހަމަޖެއްސުމަށް ވެމްކޯއިން އެދެއެވެ.

މީގެ އިތުރުން، އަމިއްލައަށް ސައިޓަށް ގޮސް ގުނި އުކާލުމަށް ޓަކައި ދޫކޮށްފައިވާ ކާޑުގެ ހިދުމަތް ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.

މާލެ ސަރަހައްދުގައި ކުނެ ނެގުމުގެ ހިދުމަތް ދޭނެ ގޮތަށް ބަލާއިރު، މާލޭގައި 18:00 އިން 23:00 އަށް ކުނި ނެގުމުގެ ހިދުމަތް ދޭއިރު، ވިލިމާލެ އާއި ހުޅުމާލޭގައި މި ހިދުމަތް ދޭނީ 20:00 އިން 23:00 އަށެވެ.

ގޭބިސީތަކަށް ގޮސް ކުނި ނެގުމުގެ ހިދުމަތަށް ދޭންފަށާ ދުވަހުން ފެށިގެން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް