ފުވައްމުލަކުގެ ހާލަތާމެދު ކަންބޮޑުވެ އާދަމް ޝަރީފްގެ ސިޓީއެއް މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަަމް ޝަރީފް އުމަރު -- ފޮޓޯ/ މަޖިލިސް

ފުވައްމުލައް ސިޓީގައި މިހާރު އޮތް ކޮވިޑް-19 ހާލަތުގެ ސަބަބުން އެ ސިޓީގައި ސިއްހީ ހިދުމަތުގެ ކަންކަން ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު މަޖިލީހަށް ސިޓީއެއް ފޮނުއްވައިފިއެވެ.

އާދަމް ޝަރީފް މި ސިޓީ ފޮނުއްވާފައިވަނީ ކޮވިޑް-19 އާއެކު މިވަގުތު އެ ސިޓީ މޮނިޓަރިންގައި އޮތުމުން ރައްޔިތުން ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށް ވިދާޅުވެއެވެ.

އެގޮތުން މިހާތަނަށް އައި އިރު ވެސް އެ ސިޓީގައި ޕީސީއާރް ޓެސްޓު ހެދެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ގިނަ އުނދަގޫތަކެއް ކުރިމަތިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ހަމައެއާއެކު ދަތުރުފަތުރުކުރުމަށް ދަތިތަކާ ކުރިމަތިވެ އެ ސިޓީއަށް އިގްތިސާދި ގޮތުން ގިނަ ގެއްލުންތަކެއް ކުރިމަތިވަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން ފުވައްމުލަކު ސިޓީއަކީ ވެސް ދައުލަތުން "ސިޓީ" އެއްގެ ދަރަޖަ ދީފައިވާ ރަށެކެވެ. އެހެންނަމަވެސް ފުވައްމުލަކު ރައްޔިތުން ޕީސީއާރް ޓެސްޓު ހަދަން ސާމްޕަލް ނެގުމަށްފަހު އެ ސާމްޕަލް ފޮނުވަންޖެހެނީ އެހެން ސިޓީއަކަށެވެ. އަދި ޓެސްޓުގެ ސާމްޕަލް އެހެން ސިޓީއަކަށް ފޮނުވުމަށްފަހު، އެ ސިޓީއަކުން ޓެސްޓުގެ ނަތީޖާ ލިބެންދެން ތިން ހަތަރު ދުވަހު މަޑުކުރަން ޖެހުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެކެވެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ އަވަހަށް ހައްލުކުރަން ޖެހޭ ކަމެއްކަމަށެވެ. އަދި މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާ ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަނުޖެހި އޮތީ ކީއްވެކަން ހޯދަން ޖެހޭކަމަށެވެ.

އަދި އެ މައްސަލައަށް ހައްލެއް ލިބޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް