ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އެޅޭ ފިޔަވަޅެއް ނޯވޭ: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

ގާނޫނާ ހިލާފަށް ރާއްޖޭގައި ކާބޯތަކެތި ތައްޔާރުކޮށް އުފައްދާ ނެރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބިދޭސީންނާ މެދު އެޅޭ އެއްވެސް ފިޔަވަޅެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބިލާ ގުޅޭގޮތުން ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ މި މަސައްކަތުގައި އާންމުކޮށް އުޅެނީ ހުއްދަ ނެތި އުޅޭ ބިދޭސީންކަމަށެވެ.

ނަމަވެސް ފިޔަވަޅު އަޅަނީ ދިވެހިންނާ މެދު ކަމަށާއި ބިދޭސީންނާ މެދު ދުވަހަކު ވެސް ފިޔަވަޅު އެޅިފައިނުވާ ކަަމަށް ބޮންޑޭ ވިދާޅުވިއެވެ.

ހަމައެއާއެކު ގަވައިދާ ހިލާފަށް އަމަލު ކުރުމުން ނަގާ ޖޫރިމަނާ ސިފަކުރެއްވެނީ އެކަން އަލުން ކުރުމަށް ދެވޭ ލައިސަންސެއްގެ ގޮތުގައިކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އެގޮތަށް އޮވެގެން ނުވާނެ ލައިސަންސެއް ގޮތަކަށް. އޭނައަށް އަދަބު ވެސް ލިބެންޖެހޭނެ. މިއީ ރައްޔިތުންގެ ސިއްހަތަށް ނުރައްކާވާ ކާބޯތަކެތި އެތެރެކޮށް އެ ލިބޭ ގެއްލުމުގެ ބަދަލު ވެސް މީގެ ތެރޭ ހިމެނޭހެން،" ބޮންޑޭ ވިދާޅުވިއެވެ.

އަދި ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭފަދަ ގޮތްގޮތަށް އަމަލުކުރާނަމަ އެކަމުގެ އަދަބު ލިބެންޖެހޭނެކަމަށެވެ. އަދި ސިއްހަތަށް ގެއްލުންވާ ކާބޯތަކެތި އެތެރެކުރާނަމަ ފިޔަވަޅު އެޅެން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު މި ބިލު ގާނޫނަކަށްވުމުން އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްކުރާނީ ކޮން ބައެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

ބޮންޑޭ ވިދާޅުވީ އޭނާ ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލަށް ތާއީދުކުރައްވާކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި މި ބިލާ މެދު ހޭލުންތެރިކަން ވެސް އިތުރުކުރަން ޖެހޭނެކަމަށެވެ.

comment ކޮމެންޓް