އެސްޓީއޯ ޑިޖިޓަލް ބޭންކުން ފަސް މިނެޓުތެރޭގައި އެކައުންޓު ހުޅުވާލެވޭނެ: އަމްރު

އެމްއެމްއޭ ކުރިމަތީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެސްޓިއޯގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ ހުސެން އަމްރު-- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފަސް ވަރަކަށް މިނެޓުން އަމިއްލައަށް ބޭންކު އެކައުންޓެއް ޑިޖިޓަލް ބޭންކިންގެ ހިދުމަތުގައި ހުޅުވޭނެކަމަށް އެސްޓިއޯގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ ހުސެން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވެފައި މިވަނީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެސްޓިއޯގެ ޑިޖިޓަލް ބޭންކު ހުޅުވަން ލައިސެންސް ހޯދުމަށް މޯލްޑިވިސް މޮނެޓަރި އޮތޯރެޓީ (އެމްއެމްއޭ) އަށް ހުށަހަޅައިފައިވާކަން ވެސް މިއަދު ވަނީ ހާމަކޮށްފައެވެ.

މި ބޭންކަކީ ފަސޭހަކަމާއެކު އެކައުންޓު ހެދޭނެ ބޭންކެއް ކަމަށާއި އަމިއްލައަށް އެއްވެސް މީހެއްގެ އެހީއަކާ ނުލައި މި ބޭންކުން އެކައުންޓު ހެދޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު އިތުރަށް ވިދާޅުވީގޮތުގައި މި ބޭންކުގެ ހިދުމަތް ބޭނުންކޮށްގެން 60 ސިކުންތުގެ ތެރޭގައި ލޯނަށް އެޕްލައިކޮށް އެލޯނުގެ ފައިސާ އެކައުންޓަށް ޖަމާކުރެވޭނެއެވެ.

"މީގެ އެންމެ ބޮޑު އެއްކަމަކީ އަމިއްލައަށް ފައިނޭންސް މެނޭޖްކުރުން" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވިގޮތުގައި މި ހިދުމަތާއެކީ ކާޑު ގެއްލުނު ކަމުގައިވިޔަސް ބޭންކަށް ނުގޮސް އަމިއްލައަށް ކާޑު ޑިސްއެޕްރޫވްކޮށް އަދި ކާޑު ފެނުމުން އަލުން އެކްޓިވޭޓުވެސް ކުރެވޭނެ ކަމަށެވެ.

ޑިޖިޓަލް ބޭންކަކީ ޑިޖިޓަލް ރާއްޖެއަކަށް ރާއްޖެ ދިއުމުގެ މައިގަނޑު އެއް މައިބަދަ ކަމަށާއި މި ބޭންކިން ސިސްޓަމުގެ ސަބަބުން ވަރަށް ގިނަ ވިޔަފާރިތަކަކަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެން ދާނެ ކަމުގައި އަމްރު ވިދާޅުވިއެވެ.

comment ކޮމެންޓް