އިންޑޯ ކޯޓު ނުލިބޭތީ ގިނަ ކުޅިވަރުތަކެއް ހުއްޓިފައި

ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ވޮލީ މެޗެއް ކުޅެނީ -- ފޮޓޯ/ ރައީސް އޮފީސް

ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުން ބޭނުން ކުރަމުން އަންނަ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލު ހުސްކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ޔޫތު މިނިސްޓްރީއިން ބުނެފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންޑޯ ހޯލު ބޭނުން ކުރަމުން ދަނީ ކޮވިޑް-19ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައެވެ.

ބާސްކެޓްބޯޅަ، ވޮލީބޯޅަ އަދި ނެޓްބޯޅަ މުބާރާތްތައް ބާއްވުމުގެ އިތުރުން ގައުމީ ޓިމުތަކުގެ ފަރިތަކުރުންތައްވެސް ކުރިއަށް ގެންދަނީ އިންޑޯ ކޯޓުގައެވެ. އިިންޑޯ ކުޅިވަރުތައް ކުޅުމަށް ރާއްޖޭގައި އޮތް ރަނގަޅު ފެނވަރުގެ ހަމައެކަނި ކޯޓަކީ ސޯޝަލް ސެންޓަރުގެ ކޯޓެވެ.

އޮކްޓޫބަރު މަހު ބާއްވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފަށާފައިވާ ގައުމީ ބާސްކެޓްބޯޅަ ޓީމުވެސް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އައުޓްޑޯ ކޯޓުގައެވެ.

މީގެ އިތުރުން އޭވީސީ ސެންޓްރަލް ޒޯނުގެ އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން ވަނީ ތާވަލުކޮށްފައެވެ. އަންހެން ގައުމީ ޓީމުގެ ފަރިތަކުންތައްވެސް ފެށޭ ގޮތް ވަނީ ނުވެފައެވެ.

"ސަން"އަށް މައުލޫމާތު ދިން ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން މިހާރު ހެލްތު މިނިސްޓްރީ އާ ހިއްސާކޮށްފައިވާ އަދި އިންޑޯ ކޯޓު ހުސްކޮށްދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް ހެލްތު މިނިސްޓްރީގެ ޖަވާބެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

comment ކޮމެންޓް