އދ. ގެ އިސް މަސްއޫލުވެރިއަކު ތާލިބާނުންގެ ސިޔާސީ ވެރިޔާއާ ބައްދަލުކުރައްވައިފި

އދ. ގެ މަސްއޫލުވެރިއާ މާޓިން ގްރިފިތްސް ތާލިބާނުންގެ ސިޔާސީ ވެރިޔާ އާ ކާބުލްގައި ބައްދަލުކުރައްވަނީ

ކާބުލް (ސެޕްޓެމްބަރު 7) : އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުގެ ސިޔާސީ ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރަދާރު އދ. ގެ އިސްވެރިއެއްކަމަށްވާ މާޓިން ގްރިފިތްސް އާ ކާބުލްގައި ބައްދަލުކުރައްވައިފިއެވެ. ގްރިފިތްސް އަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިންސާނީ އެހީތެރިކަމާބެހޭ ވެރިޔާއެވެ.

މިބައްދަލުކުރެއްވުމުގައި ބަރަދާރު އާއި ގްރިފިތްސް މަޝްވަރާ ކުރެއްވީ އދ. ން އަފްޣާން ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމް ހުއްޓުމެއްނެތި ކުރިޔަށް ގެންދެވޭނެ ގޮތްތަކާބެހޭގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. މި ބައްދަލު ކުރެއްވުމަށްފަހު ތާލިބާނުންގެ ތަރުޖަމާނަކުވަނީ އަފްޣާނިސްތާނަށް ބޭނުންވާ އިންސާނީ އެހީތެރިކަން މިހާރު ކުރިއަށްގެންދާ ގޮތަށް ގެންދާނެކަމުގެ ޔަގީންކަމާ އަދި އަފްޣާން ރައްޔިތުންނަށް އިންސާނި އިތުރުއެހީތައްވެސް އދ.އިން ދޭނެކަމުގެ ޔަގީންކަން ގްރިފިތްސް ދެއްވިކަން ހާމަކޮށްފައެވެ.

ކާބޯތަކެތީގެ އަވަސްއެހީތެރިކަން ނުލިބިއްޖެނަމަ އަފްޣާން ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރު އދ.އިންވަނީ ދީފައެވެ. އދ. އިން އަފްޣާނިސްތާނަށް ދޭ އިންސާނީ އެހީއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި މިމަހުގެ ތެރޭގައި ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އަފްޣާން ރައްޔިތުންގެ އިންސާނީ ހާލަތު ގޯސްވެފައިވަނީ އެމެރިކާ އަފްޣާނިސްތާނަށް ގަދަބަރުން އަރައި 20 އަހަރުވަންދެން ކުރި ހަނގުރާމައިގެ ސަބަބުންނާއި ހަނަފަސްކަމުގެ ސަބަބުން ދަނޑުތައް ހަލާކުވެ ގެރިބަކަރިތައް މަރުވަމުން ދިޔުމާ ގުޅިގެންނެވެ.

އަފްޣާން ރައްޔިތުންނަށް މިފަދަ އިންސާނީ މުސީބާތެއް ކުރިމަތިވެފައިވީނަމަވެސް ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާ ވަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އެމެރިކާގެ ބޭންކްތަކުގައިވާ އަފްޣާން ދައުލަތުގެ އެސެޓްތަކާއި އެތަށް މިލިޔަން ޑޮލަރެއްގެ ފައިސާ ހިފަހައްޓާފައެވެ.

comment ކޮމެންޓް