ދަރަވަންދޫ ދަނޑުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމިއްޖެ

ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑު -- ފޮޓޯ/އާރްޑީސީ

ބ. ދަރަވަންދޫ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަސައްކަތުގެ ތެރެއިން ފެން ހިންދާ ނިޒާމް ގާއިމް ކުރުމުގެ 100 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އިން މައުލޫމާތު ދޭގޮތުގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމި ސަބްބޭސްގެ މަސައްކަތް ވަނީ މިހާރު 60 ޕަސަންޓު ނިމިފައެވެ.

މީގެ އިތުރުން އާރްޑީސީ އިން ބުނި ގޮތުގައި މިހާރު މި މަޝްރޫއުގެ ތެރެއިން ކުރިއަށް ދަނީ ދަނޑުގެ ސައިޑް ވޯކްގައި ކާބްސްޓޯން ޖެހުމުގެ މަސައްކަތެވެ.

މި އަހަރުގެ މާޗު މަހުގައި ޔޫތު މިނިސްޓްރީއިން ވަނީ ބ.ދަރަވަންދޫ އަދި އެ އަތޮޅުގެ އިތުރު ދެ ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއުތަކެއް އާރްޑީސީއާ ހަވާލުކޮށްފައެވެ.

އާރްޑީސީއިން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރީ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. ދަރަވަންދޫ ދަނޑުގެ ބިން އެއްވަރު ކުރުމުގެ މަޝްރޫއަކީ 2.2 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

comment ކޮމެންޓް