ރައީސް ސޯލިހަކީ ކެމްޕެއިނަށް ވައުދުވާ، ވައުދު ނުފުއްދޭ ބޭފުޅެއް: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ — ފޮޓޯ/މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރެއްވެނީ ކެމްޕެއިނާ ދިމާކޮށް ވައުދުތައް ވާ ބޭފުޅެއްގެ ގޮތުގައި ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކާބޯތަކެތި ރައްކާތެރިކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ ކޮންމެ ރައީސަކަށް ވެސް ގައުމީ ތަރައްގީކުރަން ފަސް އަހަރު ދުވަހުގެ މުއްދަތެއް ދެވޭ ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ފަސް އަހަރު ތެރޭގައި އަބަދުވެސް ފެނިގެންދަނީ ކޮންމެވެސް އިންތިހާބަކަށް ތައްޔާރުވަމުން އަންނަ ތަން ކަމަށާއި ގައުމީ ތަރައްގީއަށް އެއްވެސް މަސައްކަތެއް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ސިފަވަނީ ކެމްޕެއިނަށް ވައުދުވާ ބޭފުޅެއްގެ ގޮތުގަ، ވައުދު ނުފުއްދޭ ނުވަތަ ވައުދު ނުފުއްދާ، ވައުދު ވަމުންދާ ބޭފުޅެއްގެ ގޮތުގަ." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އޭގެ އެއް މިސާލަކީ ރ. އަލިފުށީގައި އަޅާނެ ކަމަށް ވިދާޅުވި އެއާޕޯޓު ކަމަށެވެ.

ބަޖެޓުގައި ހިމެނުމެއްނެތި، ފައިސާ ހޯދާނެ ގޮތެއް ނެތި އަޅާނެކަން އިއުލާނު ކުރި މި އެއާޕޯޓަކީ، އިންތިހާބެއްގެ ތެރޭގައި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދަށް ގޯނާ ކޮށްލުމުގެ ގޮތުން "ޅިޔަނަކަށް" ކޮށްދިން ކަމެއްގެ ގޮތުގައި ސައީދު ސިފަކުރެއްވިއެވެ.

comment ކޮމެންޓް