"އެންމެ މުހިއްމު މެޗު" މެދުކަނޑާލުމުން ފީފާ ހިތްހަމަ ނުޖެހިފައި

ބްރެޒިލް އާ އާޖެންޓީނާ ކުޅުނު މެޗު ހުއްޓުވުމަށް ސިއްހީ އޮފިޝަލުން ދަނޑުމަތީގައި--- ފޮޓޯ: ގޯލްޑޮޓްކޮމް

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށިތާ ފަސް މިނިޓް ތެރޭ މެޗު މެދުކަނޑާލި މައްސަލައިގައި ފީފާއިން ބަޔާނެއް ނެރެފި އެވެ.

ބްރެޒިލްގެ ސިއްހީ އޮފިޝަލުން މެޗު ހުއްޓުވީ އާޖެންޓީނާގެ ގައުމީ ޓީމުގައި ހިމެނޭ ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިން ކަރަންޓީނުގެ އުސޫލާ ހިލާފުވިކަމަށް ބުނެއެވެ.

މެޗު ފެށުމުގެ ކުރިން ބްރެޒިލްގެ ސިއްހީ އޮފިޝަލުން ވަނީ ހަތަރު ކުޅުންތެރިޔަކު ކަރަންޓީންވާން ޖެހޭކަން އިއުލާންކޮށްފައެވެ. އެއީ ޓޮޓެންހަމްގެ ޖިއޮވާނީ ލޮސެލްސޯ، ކްރިސްތިއަން ރޮމޭރޯގެ އިތުރުން އެސްޓަން ވިލާގެ އެމީ ބުއެންޑިއާ އަދި ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ.

ނަމަވެސް އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ އާޖެންޓީނާ ޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް މެޗުގައި ނުކުޅެވޭނެކަން ކުރިން އަންގާފައި ނުވާކަމަށެވެ.

މި މައްސަލައިގައި ފީފާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރޭގެ މެޗުގައި ހިނގާދިޔަ ކަންކަމުގެ ތަހުގީގަށް ބޭނުންވާ ރިޕޯޓް މެޗުގެ އޮފިޝަލުން އަތުން ނަގާފައިވާ ކަމަށެވެ. އަދި އެހެންމެ އެ މައްސަލަ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަނެ ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފީފާއިން ވަނީ ބުނެފަ އެވެ.

"އެންމެ މުހިއްމު ދެ ގައުމުގެ މެދުގައި ކުޅެވުނު މެޗު ސަސްޕެންޑް ކުރަން ޖެހުމާ އެކު އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި އެ ދެ ގައުމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ދިމާވި އުނދަގޫތަކަކީ މި އިދާރައިން ބަލައިގަންނާނެ ކަމެއް ނޫން." ފީފާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިންގްލެންޑުން ކަނޑައަޅާފައިވާ ދަތުރުފުރުމުގައި ސަމާލުވުމުގެ ރެޑް ލިސްޓުގައި ބްރެޒިލް ހިމެނޭތީ ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލަށް ނިސްބަތްވާ ކުޅުންތެރިންގެ ކްލަބްތަކުން އެ ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްނުކުރެ އެވެ. އެހެންވެ، ބްރެޒިލް ޓީމުގައި އާންމުކޮށް ހިމެނޭ ނުވަ ވަރަކަށް ކުޅުންތެރިން މި ވަގުތު ތިބީ އިންގްލެންޑްގަ އެވެ.

އާޖެންޓީނާ އިން ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗަށް މީގެ ދެ ދުވަހެއް ކުރިން ބްރެޒިލަށް އައިސް ހޮޓަލްގައި ތިބިއިރު، ވަނީ ސިއްހީ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލުކޮށްފަ އެވެ.

comment ކޮމެންޓް