ޗައިނާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ސެޕްޓެމްބަރު 6، 2021: ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވާން ލިޖިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވާން ލިޖިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ މިއަދު ހެނދުނު އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަަސްމިއްޔާތުގައެވެ.

ސެޕްޓެމްބަރު 6، 2021: ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވާން ލިޖިން އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ފަތްކޮޅު ހަވާލުކުރެއްވުމަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާގެ އާ ސަފީރަށް މަރުހަބާ ދަންނަވާފައެވެ. ހަމައެއާއެކު ކުރީގެ ސަފީރު ޒަންގް ލިޖޮންގް ކުރެއްވި މަސައްކަތަށް ވެސް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ކުރިއެކޭ އެއްފަދައިން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ޗައިނާއިން ރާއްޖެއާ މެދު އަބަދުވެސް ބާއްވަމުން އަންނަ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް ޗައިނާއިން ފޯރުކޮށްދިން ވެކްސިންގެ އެހީއާއި އެހެނިހެން ގޮތްގޮތުން ވެދިން އެހީތެރިކަން ފާހަގަކޮށް ރައީސް ވަނީ ޗައިނާގެ ސަރުކާރަށް ޝުކުުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަފީރު ވާން ލިޖިން ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރައީސް ސޯލިހާއި ދިވެހި ރައްޔިތުންނަށް ހެޔޮ އެދުން ރައްދުކުރައްވާފައެވެ. އަދި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ލިބޭ އުފަލެއްކަމަށް ވެސް ވިދާޅުވެފައެވެ.

ހަމައެއާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރު އުސްމިންތަކަކަށް ވާސިލްކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް ސަފީރު ވާން ލިޖިން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް