އިދިކޮޅު ހަނގުރާމަވެރިން ބަލިކުރުމަށްފަހު، ތާލިބާނުން ޕަންޖްޝީރު ވާދީ ހިފައިފި

ތާލިބާން ހަނގުރާމަވެރިން އުފާ ފާޅުކުރަނީ

ކާބުލް (ސެޕްޓެމްބަރު 6): ތާލިބާނުންގެ ވެރިކަމަށް ކިޔަމަންވުމަށް ދެކޮޅުހަދައި ބަޣާވާތުގެ ކުލަވަރު ދައްކަމުން ގެންދިޔަ އަފްޣާން ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިން ބަލިކޮށް އެމީހުންގެ އަތްދަށުގައި އޮތް ޕަންޖްޝީރު ވާދީ ސަރަހައްދު، ތާލިބާނުން ހިފައިފިއެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނީ ހަ ދުވަހުގެ ވަރުގަދަ ހަނގުރާމައަށްފަހު ތާލިބާން ހަނގުރާމަވެރިން ޕަންޖުޝީރު ވާދީ އެއްކޮށް ހިފައި އެ ޕްރޮވިންސްގައި ހިމެނޭ 7 ސަރަހައްދުގެ އޮފީސްތަކާއި ފުލުހުންގެ މަރުކަޒުތަކުގައާ އަދި އެ ސްޓޭޓްގެ ގަވަރުނަރުގެ އޮފީހުގައި މިއަދު ތާލިބާނުންގެ ދިދަ ނަގާފައިވާ ކަމުގައެވެ. އަދި ޕަންޖްޝީރު ވާދީ ހިފުމުގެ އަސްކަރީ އޮޕަރޭޝަން މިހާރު ނިމިފައިވާކަންވެސް އޭނާ ހާމަކުރިއެވެ.

"ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" އަކީ ތާލިބާނުންނަށް ނުކިޔަމަންތެރިކަން ދައްކަމުން ގެންދިޔުމުގެ އިތުރުން ހަނގުރާމައަކާ ނުލައި އެސަރަހައްދު ތާލިބާނުންނާ ހަވާލުކުރުމަށް ދެކޮޅު ހަދަމުން ގެންދިޔަ ހަރުކަށި ޖަމާއަތެކެވެ. އެޖަމާއަތުގެ ލީޑަރަކީ 1989 ވަނައަހަރު ކުރީގެ ރޫސީވިލާތުގެ ސިފައިން އަފްޣާނިސްތާނުން ފޭބުމާއެކު އަފްޣާން މުޖާހިދުން އެކުލަވާލި ސަރުކާރުގެ ދިފާއީ ވަޒީރުކަން ކުރައްވާފައިވާ އަފްޣާން ކޮމާންޑަރެއް ކަމަށްވާ އަހްމަދު ޝާހު މަސްއޫދުގެ ދަރިކަލުން އަހްމަދު މަސްއޫދެވެ.

ތާލިބާނުންގެ ބައެއް މަސްއޫލުވެރިން

ތާލިބާނުން ހަ ދުވަހުގެ ތެރޭގައި ކޮންޓްރޯލްގެ ދަށަށް ގެނައި ޕަންޖުޝީރު ވާދީ އަކީ ކުރީގެ ރޫސީ ލަޝްކަރުތައް ބަރުހަތިޔާރާއެކު އަފްޣާނިސްތާނަށް އަރައި ކުރި ހަތް އަހަރާއި ބައިގެ ހަނގުރާމައިގާ ރޫސީންނަށްވެސް ނުހިފުނު ފަރުބަދަމަތީ ސަރަހައްދެވެ. ޕަންޖުޝީރު ވާދީ ހިފުމަށް ތާލިބާނުންކުރި ހަ ދުވަހުގެ ހަނގުރާމައިގާ ތާލިބާނުންގެ އެތައް ސަތޭކަ ހަނގުރާމަވެރިން މަރުވިކަމަށް "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ތާލިބާނުން މިކަން ދޮގުކުރެއެވެ.

ތާލިބާނުންގެ އޮޕަރޭޝަންގައި "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިން ބަލިވާންފެށުމާއެކު އެޖަމާއަތުގެ ލީޑަރު އަހްމަދު މަސްއޫދު ވަނީ ތާލިބާނުންނާ ސުލްހައިގެ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް ތާލިބާނުންވަނީ ވަގުތު ފާއިތުވެފައިވާ ކަމަށް ބުނެ މަސްއޫދުގެ ހުށަހެޅުމަށް ދެކޮޅު ހަދާފައެވެ. އަސްކަރީ އޮޕަރޭޝަން ފެށުމުގެކުރިން ސުލްހަވެރިކަމާއެކު ޕަންޖުޝީރު ވާދީ ސަރަހައްދު ތާލިބާނުންނާ ހަވާލުކުރުމަށް ތާލިބާނުން ހުށަހެޅި ހުށަހެޅުމަށް އަހްމަދު މަސްއޫދުވަނީ ދެކޮޅު ހަދާފައެވެ.

ހަނގުރާމައަކާ ނުލައި ޕަންޖުޝީރު ވާދީ ތާލިބާނުންނާ ހަވާލުކުރުމަށް އަހްމަދު މަސްއޫދު ހުށަހެޅި ޝަރުތަކީ އަފްޣާނިސްތާނުގައި ތާލިބާނުން އެކުލަވާލާ ސަރުކާރުގެ ތިން ބައިކުޅަ އެއްބައި ސިޔާސީ މަގާމުތަކާއި މުޅި ކެބިނެޓްގެ ތިންބައިކުޅަ އެއްބައި "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" އަށް ދިނުމަށެވެ. ތާލިބާނުންވަނީ މިޝަރުތު ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ.

ޕަންޖުޝީރު ވާދީ ހިފުމަށް ތާލިބާނުން ފެށި އަސްކަރީ އޮޕަރޭޝަންގައި އަހްމަދު މަސްއޫދުގެ ތަރުޖަމާންވެސް ވަނީ މަރުވެފައެވެ. އަދި "ނެޝަނަލް ރެސިސްޓެންޓް ފްރޮންޓް" ގެ ހަނގުރާމަވެރިންގެ ގިނަބަޔަކު ތާލިބާނުންގެ އަތްދަށުގައި އަސީރުންގެ ގޮތުގައި ހައްޔަރުވެފައިވާއިރު މަދު އަދަދެއްގެ ހަނގުރާމަވެރިން ފަރުބަދަތަކުގެ ސަރަހައްދުތަކުގައި ވިއްސިވިހާލިވެ ފިލައިގެން ގޮސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕަންޖުޝީރު ވާދީ ގެ ކޮންޓްރޯލް ލިބުމާއެކު އަފްޣާނިސްތާނުގެ ހުރިހާ ސަރަހައްދުތަކެއް ވަނީ ތާލިބާނުންގެ އަތްދަށަށް ގޮސްފައެވެ. މިއާއެކު އަފްޣާނިސްތާނުގައި އުފައްދާ ސަރުކާރު ވަރަށް އަވަހަށް އިއުލާން ކުރާނެކަމާއި އެސަރުކާރުގެ ވެރިއަކީ ތާލިބާނުންގެ ސިޔާސީ ވެރިޔާ މުއްލާ އަބްދުލްޣަނީ ބަރަދާރުކަންވެސް ތާލިބާނުންގެ ތަރުޖަމާން ވަނީ ހާމަކޮށްފައެވެ.

ހެޑް އޮފް ސްޓޭޓް ނުވަތަ އަފްޣާނިސްތާނުގެ އަމީރު ގެ ގޮތުގައި ހުންނަވާނީ ތާލިބާނުން ގެ ރޫޙީ ޒައީމް މުއްލާ ހިބަތުﷲ އަޚުން ޒާދާ އެވެ. ދިފާއީ ވުޒާރާއާއި މާލީ ވުޒާރާއާއި ދާޚިލީ ވުޒާރާއާއި ޚާރިޖީ ވުޒާރާގެ ވަޒީރުންގެ ގޮތުގައިވެސް ތިއްބަވާނީ ތާލިބާނުންނަށް ނިސްބަތްވާ ފަރާތްތަކެވެ. އެނޫން ވުޒާރާތަކުގެ ވަޒީރުންނަށް ތިއްބަވާނީ އަފްޣާނިސްތާނުގެ އެކި ނަސްލުތަކުގެ މީހުން ނިސްބަތްވާ ޖަމާއަތްތަކާއި ޕާޓީތައް ކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް