ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޕިކަޕު ދަތުރުކުރުމަށް ނެގޭނެ އަގުތަކެއް ކަނޑައަޅަނީ

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެއާއި ހުޅުމާލެ ދެވަނަ ފިޔަވައްސާ ދެމެދު ކުރާ ޕިކަޕް އަދި ލޮރީ ދަތުރުތަކަށް ނަގާނެ ވަކި އަގެއް ކަނޑައެޅުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ފަށައިފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހިދާޔާ ނަސީރު "ސަން"އަށް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔައްވައްސަށް ކުރާ ދަތުރުތަކަށް ވަކި އަގެއް ހަމަޖައްސަން ނިންމީ މިހާރު ދަތުރުކޮށްދޭ ފަރާތްތަކުން ނަގާ އަގުތަކާ ބެހޭ ގޮތުން އާންމުންގެ ފަރާތުން ޝަކުވާ ލިބިފައިވާތީއެވެ.

"މިހާރު ކަންކުރެެވެމުން ދާ ގޮތުން އާންމުންނަށް ވަރަށް ބޮޑު ތަކުލީފަކާ ދެއްތޯ މި ކުރިމަތިލާންޖެހެނީ. އެކަމަށް ހައްލެއް ގެނައުން އަޅުގަނޑުމެންގެ ބޭނުމަކީ،" ހިދާޔާ ވިދާޅުވިއެވެ.

ހިދާޔާ އިތުރަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އަގު ކަނޑައަޅާ އުސޫލު އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށެވެ. އަދި ވަަރަށް އަވަހަށް އަގު ނެގޭނެ ގޮތުގެ އުސޫލު އާންމުކުރާނެ ކަމަށް ވެސް ހިދާޔާ ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ދޭއް އާންމުންނަށް ހުޅުވާލުމާއެކު ދެވަނަ ފިޔަވައްސަށް ޕިކަޕް ދަތުރުތަކާއި ޓެކްސީ ދަތުރުތައް ވެސް ވަނީ ފަށާފައެވެ.

ނަމަވެސް އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ދެވަނަ ފިޔަވައްސަށް ކުރާ ޕިކަޕް އަދި ލޮރީ ދަތުރުތަކަށް ނަގާ އަގު ބޮޑުވުމެވެ. އެގޮތުން އާންމުކޮށް ހުޅުމާލެއަށް ކުރާ ޕިކަޕް ނުވަތަ ލޮރީ ދަތުރުތަކަށް 200 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އަގެއް ނެގި ނަމަވެސް ދެވަނަ ފިޔަވައްސަށް ކުރާ ދަތުރުތަކަށް 500 ރުފިޔާއިން މަތިން އަގު ނަގަމުން އަންނަކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް