ފޮތްތަކުގައި ކުށް ލިޔެވުމުގައި އިހުމާލުވި ފަރާތްތައް ހޯދަނި

ސެޕްޓެމްބަރ 6، 2021: ގްރޭޑް ތަކުގެ އިސްލާމް އަދި ގުރްއާން މާއްދާތަކުގެ ފޮތްތަކުގައި ކުއްހުރުމުގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ގްރޭޑްތަކުގެ ގުރުއާން އަދި އިސްލާމް ފޮތުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިފައި ވާތީ، އެ މައްސަލަ ދިމާވުމުގައި އިހުމާލުވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފަށައިފި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެ މައްސަލަތައް ފާހަގަ ކުރެވިފައި ވަނީ ބައެއް ގްރޭޑުތަކުގެ އިސްލާމް އަދި ގުރުއާން ފޮތްތަކުންނެވެ. އެގޮތުން ބައެއް އާޔަތްތައް ލިޔުމުގައި އުނި އިތުރު ހުރިކަން ދެނެގަނެވިފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ބައެއް ފޮތްތަކުގައި މައްސަލަ ހުރިކަން ފާހަގަވެ، އެކަން ދިމާވުމަށް މެދުވެރިވި ސަބަބު ދެނެގަންނަން މަސައްކަތް ކުރާ ކަމަށެވެ. އަދި މި ދެ މާއްދާ ނޫން އެހެން މާއްދާ ތަކުގައިވެސް ކުށް ހުރިކަމަށް މައުލޫމާތު ލިބޭތީ، އެ ފޮތްތައް ވެސް ބަލާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު ވާނީ ކުޑަ ކޮމެޓީއެއް ނަގާފަ، ކީއްވެތޯ، ކޮންބައެއްތޯ އިހުމާލު ވަނީ، ކުށް ދިމާވާން މެދުވެރިވީ ކީއްވެތޯ ބެލުމަށް. އެ ކޮމިޓީގެ މަސައްކަތް އިއްޔެ ވަނީ ފެށިފަ،" އައިޝަތު އަލީ ވިދާޅުވިއެވެ.

އެ މައްސަލައިގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނެކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެ ފިޔަވަޅުތަކާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އަލަށް ލިޔެވި، ކުދިންނަށް ލިބުނު ގްރޭޑް 1 ގެ ފޮތުގައިވާ މައްސަލައިގެ އިތުރުން، 2015 އަދި 2018 ވަނަ އަހަރުގެ ބައެއް ފޮތްތަކުގައިވެސް މައްސަލަ ހުރިކަން މިހާރު ފާހަގަ ކުރެވިފައި ވާ ކަމަށެވެ.

ގްރޭޑް 1 ގެ ގުރުއާން ފޮތަކީވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ބަލާ އަދި އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފޮތެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ކުދިން ބޭނުން ކުރަމުން އަންނަ ގްރޭޑް ދޭއްގެ އިސްލާމް ފޮތުގައިވާ ކުށް ހަމަ އެގޮތަށް މިއަދާ ހަމައަށް އިސްލާހު ނުވެ އޮތީ އެ މިނިސްޓްރީގެ ސަމާލުކަމަށް އެކަން ނާންނާތީ ކަމަށެވެ. ނަމަވެސް ކުދިންނަށް އެ ފޮތުން ކިޔަވައިދީފައި ވަނީ އެ ކުށް ރަނގަޅު ކޮށްގެންކަން ޓީޗަރުންނާ ވާހަކަ ދެއްކެމުން އެނގިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައިގައި މީގެ ކުރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ މައްސަލަ ސަމާލުކަމަށް އައުމާއެކު އެންއައިއީ އާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

comment ކޮމެންޓް