ބަލިނުވެ 36 މެޗު ހަމަކޮށް އިޓަލީން ރެކޯޑް މުގުރާލައިފި

އިޓަލީގެ ޒަނިއޯލޯ ބޯޅަ ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަނީ--- ފޮޓޯ: ފުޓްބޯލް އިޓާލިއާ

ގައުމީ ފުޓުބޯޅައިގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި ގައުމީ ޓީމުގެ ރެކޯޑް އިޓަލީން މުގުރާލައިފިއެވެ.

އިޓިލީން ވަނީ ރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކޮށް، ބަލިނުވެ 36 މެޗު ހަމަކޮށްފައެވެ.

އިޓަލީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔޫކްރެއިން އަތުން 1-1 އިން އެއްވަރުވި ފަހުން މިއަދާ ހަމައަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވެއެވެ.

ގައުމީ ޓީމަކަށް ބަލިނުވެ އެންމެ ގިނަ މެޗު މީގެ ކުރިން ކުޅެފައިވަނީ ސްޕެއިންގެ ގައުމީ ޓީމެވެ. އެގައުމު ވަނީ 2007 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ބަލިނުވެ 35 މެޗު ހަމަކޮށްފައެވެ.

ޔޫރަޕުގެ ޗެމްޕިއަން އިޓަލީގެ ފުޓުބޯޅަ އެއްވެސް އިރެއްގައި ނުދާހާ ދަށަށް ގޮސްފައި ވަނިކޮށް އެގައުމުގެ ކޯޗުކަމާ ރޮބާޓޯ މަންޗީނީ ހަވާލުވެ، އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

އިޓަލީގެ ފުޓުބޯޅައިގެ އެންމެ ބޮޑު ނަކާމިޔާބީއާ ކުރިމަތިލާން ޖެހުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެގައުމު ކޮލިފައި ނުވުމުންނެވެ.

މަންޗީނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންއަށް ފަހު ޓީމާ ހަވާލުވިއުރު އެންމެ ބޮޑު ޒިންމާއަކަށް ވެފައި އޮތީ އިޓަލީ ޔޫރޯ ފުޓުބޯޅަ މުބާރާތައް ކޮލިފައިކޮށް ދިނުމެވެ. ޔޫރޯ މުބާރާތް އިޓަލީން ނިންމާލީ މެޗަކުން ބަލިނުވެ ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

comment ކޮމެންޓް