ކުރިން ސައްހަ ނޫން ވާހަކަ ދެއްކިފައި ހުރުމުން، މިނިސްޓަރު އަސްލަމް ގިނަ ސުވާލުތަކަށް ޖަވާބު ނުދެއްވި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލަމް އާ ސުވާލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވުމުގައި ރަނގަޅަށް ތައްޔާރުނުވެ ހާޒިރުވެވަޑައިގެންނެވުމުގެ ސަބަބުން، ބައެއް ސައްހަ ނޫން ވާހަކަ ދެކެވިފައި ހުރި ކަމަށް ވިދާޅުވެ، ގިނަ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އުޒުރުވެރިވެވަޑައިގެންފިއެވެ.

ށ. ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރާގެ ފެނާއި ނަރުދަމާ އާ ގުޅިގެން ސުވާލުކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލްހަކީމްއެވެ.

މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރު ކުރުމުން، ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގަމުންދާ އަދި ހިންގުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫއުތަކާ ގުޅޭ ގޮތުން މެމްބަރުން ސުވާލުކުރެއްވިއެވެ.

އެގޮތުން ބިލެތްފަހި އެއާޕޯޓާ ގުޅޭ ގޮތުން މެންބަރު ޝަހީމް ސުވާލުކުރެއްވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މިނިސްޓްރީން 251 ކޮންޓްރެކްޓް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ކުއްލި ގޮތަކަށް ސުވާލުތަކަށް ޖަވާބު ދޭން ޖެހިވަޑައިގަތުމުުން، މީގެ ކުރިން ސައްހަ ނޫން މައުލޫމާތު ދެކެވިފައި ހުރި ކަމަށެވެ. އަދި މިއީ ދޮގު ހެދުމުގެ ނިޔަތުގައި ދައްކަވާފައިހުރި ވާހަކަތަކެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ބައެއް ފަހަރު އެބަހުރި މިހެން ކުއްލި ގޮތަކަށް މެންބަރުން ސުވާލު ކުރެއްވީމާ، މުޅިން އެކިއުރޭޓް ނޫން ވާހަކަ ވެސް ދެކެވިފަ، ދޮގު ހެދުމުގެ ނިޔަތެއްގެ ކުރާ ކަންތަކެއް ނޫން. އަޅުގަނޑަށް ރަނގަޅީ އިއްޒަތްތެރި މެންބަރުން ކުރެއްވި ސުވާލުތަކުގަ، އަޅުގަނޑުމެންނާ އެކީގަ އިށީނދެލާފަ، ޖަވާބެއް ދޭން ވަގުތެއް ހޯއްދަވައިގެން މި ޖަވާބު ހޯއްދެވިއްޔާ،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމާ މެންބަރުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް އުޒުރުވެވަޑައިގެންފައިވާއިރު، މެންބަރުން ވަނީ އެކަމާ ގުޅިގެން ޝަކުވާ ކުރައްވާފައެވެ.

މެންބަރުންގެ ޝަކުވާތަކާ ގުޅިގެން މިނިސްޓަރު ވަނީ މަޝްރޫއުތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް މިނިސްޓަރާ ވަކިން ބައްދަލު ކުރުމަށް އެދިވަޑައިގެންފައެވެ.

comment ކޮމެންޓް