ގިނީ އަށް އަސްކަރީ އިންގިލާބެއް ގެނެސް ރައީސް އަލްފާ ކޮންޑޭ މަގާމުން ދުރުކޮށްފި

ގިނީއަށް އިންގިލާބު ގެނައި ސިފައިން ޓީވީ ގައި ރައްޔިތުންނާ މުޚާތަބު ކުރަނީ

ކުނާކްރީ (ސެޕްޓެމްބަރު 6): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް ގިނީއަށް އަސްކަރީ އިންގިލާބެއް ގެނެސް އެގައުމުގެ ރައީސް އަލްފާ ކޮންޑޭ ހައްޔަރުކޮށް، ޕާލަމެންޓް އުވާލައި، ގާނޫނު އަސާސީ އަށް އަމަލުކުރުން ހުއްޓުމަކަށް ގެނަސްފިއެވެ.

ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ގިނީ ގެ ސިފައިންގެ ސްޕެޝަލް ފޯސަސް އަށް ނިސްބަތްވާ ގްރޫޕަކުންވަނީ ވެރިރަށް ކުނާކްރީގައި ހުންނަ ރިޔާސީ ގަނޑުވަރު ވަށާލުމަށްފަހު ރައީސް އަލްފާ ކޮންޑޭ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ހުރިތަނެއް އަދި ސާފެއް ނުވެއެވެ. ގިނީގެ ސަލާމަތާބެހޭ ކަންކަންވެސްވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

ކޮންޑޭ އަށް ތާއީދުކުރާ ފަރާތްތައް ބުނާގޮތުން އޭނާއަށް ވަފާތެރި ރިޕަބްލިކަން ގާޑުންގެ ލަޝްކަރުންވަނީ ސިފައިންގެ ސްޕެޝަލް ފޯސަސް އިން ކޮންޑޭއާ ދެކޮޅަށް ދިން ހަމަލާތައް ހުއްޓުވާފައެވެ. ނަމަވެސް ކޮންޑޭ މަގާމުން ދުރުކޮށް އޭނާ ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިޔަށް ގެންދިޔަ ސްޕެޝަލް ފޯސަސްގެ ކޮމާންޑަރު މޭޖާ ޖެނެރަލް މަމާދީ ޑޮންބޮޔާ ވަނީ ކޮންޑޭ މަގާމުން ދުރުކޮށް ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ.

މަގާމުން ދުރުކޮށްފައިވާ ރައީސް އަލްފާ ކޮންޑޭ

ގިނީ ގެ ގައުމީ ޓީވީ ގައި ރައްޔިތުންނަށް ދެއްވި ކުރު ޚިތާބެއްގައި ޑޮންބޮޔާ ވަނީ ކޮންޑޭ މަގާމުން ދުރުކޮށް ޕާލަމެންޓް އުވާލައި ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ހުއްޓުވައި ގާނޫނު އަސާސީއަށް އަމަލުކުރުންވެސް ވަގުތީގޮތުން ހުއްޓުވައި ގިނީގެ އެއްގަމާއި ވައިގެ ސަރަހައްދު ބަންދުކޮށްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ. ނަމަވެސް މަގާމުން ދުރުކުރުމަށްފަހު ރައީސް ކޮންޑޭ ހައްޔަރުކޮށްފައިވާ ތަން ޑޮންބޮޔާ ހާމަކޮށްފައެއް ނުވެއެވެ. ޑޮންބޮޔާ ވަނީ ގޭގައި ތިބުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

އިންގިލާބީ ވެރިންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޭޖާ ޖެެނެރަލް ޑޮންބޮޔާ ގެ ކޮމާންޑްގެ ދަށުން ގިނީއަށް އަސްކަރީ އިންގިލާބެއް ގެނަސް ވެރިކަން ބަދަލުކޮށްލީ ރައީސް ކޮންޑޭ ގެ ވެރިކަމުގައި ކޮރަޕްޝަނާއި ރިޝްވަތު އާއްމުވެ އިގްތިސާދު އިނދަޖެހި ސަރުކާރުގެ ހިންގުން ބޮއްސުންލުމާއެކު ރައްޔިތުން ދަތިހާލުގައި އުޅެންޖެހިފައިވާތީ އެކަންކަން ރަނގަޅު ކުރުމަށް މަގުފަހިކުރުމަށްޓަކައެވެ.

އެފްރިކާގެ އިއްތިހާދުންނާ އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރޭޝް ވަނީ ގިނީ އަށް ގެނައި އަސްކަރީ އިންގިލާބު ކުށްވެރިކުރައްވާފައެވެ.

ގިނީގެ މަގުތަކުގައި ސިފައިންގެ އަސްކަރީ ވެހިކަލްތައް ހަރަކާތްތެރިވަނީ

ރޭގެ ވަގުތެއްގައި ގިނީ އަށް ގެނައި އިންގިލާބަށްފަހު ވެރިރަށް ކޫނާކްރީ އަދިވެސް ހަމައަކަށް ނޭޅޭކަމަށްވެއެވެ. ރައީސް ކޮންޑޭ އަށް ވަފާތެރި ސިފައިންނާއި އިންގިލާބީ ސިފައިންނާ ދެމެދު ހަމަލާތައް ބަދަލުކުރިކަމަށާ ބައެއްމީހުން ޒަޚަމްވިކަމަށް މައުލޫމާތު ލިބެއެވެ. އަދި ބައެއް ވަޒީރުންނާއި ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ ތެރެއިން އެއްބަޔަކު ގޭގައި ބަންދުކޮށް އަނެއްބަޔަކު އެމީހުންގެ ގޭގައި ނޫންތަންތަނުގައި ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ބާރަ މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ރިޕަބްލިކް އޮފް ގިނީ ގެ ރައްޔިތުންގެ %85 އަކީ މުސްލިމުންނެވެ. ގިނީ ހިމެނެނީ ދުނިޔޭގެ އެންމެ ފަގީރު އަދި ތަރައްގީގެ ހާލަތު އެންމެ ދަށް ގައުމުތަކުގެ ތެރޭގައެވެ. މަގާމުން ދުރުކުރި ރައީސް ކޮންޑޭއަކީ އުމުރުފުޅުން 83 އަހަރުގެ ބޭފުޅެކެވެ. ކޮންޑޭ ގިނީ ގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެން ވެރިކަމާ ހަވާލުވެ ވަޑައިގެންފައިވަނީ 2010 ވަނަ އަހަރުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް