އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭ މައްސަލަ އަލުން ބަލަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް -- ފޮޓޯ: ޔޫތު މިނިސްޓްރީ / ޓްވިޓާ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޔޫތު މިނިސްޓަރު އަދި އެ ޕާޓީގެ މެމްބަރު އަހުމަދު މަހުލޫފަށް ވާދަނުކުރެވޭ މައްސަލަ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި އަލުން ބެލުމަށް ނިންމައިފިއެވެ.

މިކަން އަންގަވަމުން މަހުލޫފަށް އެ ޕާޓީން ފޮނުވި ސިޓީގައި ބުނީ އެ މައްސަލަ ބެލުމަށް މިރޭ 8:30 ގައި މަޖިލީހެއް ބާއްވާނެކަމަށެވެ. އަދި އެ މައްސަލައިގެ މަޖިލީހަށް މިރޭ ހާޒިރުވުމަށް ވެސް އެދިފައެވެ.

މަހްލޫފްވަނީ އިންތިހާބުގައި ވާދަނުކުރެވޭ މައްސަލަ އިލެކްޝަންސް ކޮމިޝަން(އީސީ)އަށް ވެސް ހުށަހަޅުއްވާފައެވެ. އެގޮތުން އެ މައްސަލަ އީސީއަށް ހުށަހެޅީ އެމްޑީޕީގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށް އެދި އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށާއި ޗެއާޕާސަން ހަސަން ލަތީފަށް ޝަކުވާ ފޮނުއްވުމުން އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާތީއެވެ.

ނަމަވެސް މަހުލޫފަށް ވާދަނުކުރެވޭ މައްސަލައިގައި އީސީއަަށް ވަކި ގޮތެއް ނިންމޭކަށް ނެތްކަމަށް އެ ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގް ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން މަހުލޫފަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ އީސީއަށް ހުށަހަޅާފައިވާ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ.

އެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ.

މަހުލޫފްގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށްވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަަމަށް އެ ޕާޓިން މީގެ ކުރިން ނިންމިއެވެ.

ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން އަކްރަމް އެދިވަޑައިގަތުމުން އެ ޕާޓީން ވަނީ އޭނާއަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަލުންދީފައެވެ.

comment ކޮމެންޓް