ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ޓޮލަރޭޓެއް ނުކުރެވޭނެ: އެމްޑީޕީ

އެމްޑީޕީ ގައުމީ ހިންގާ ކޮމިޓީ ބައްދަލުވުން --

ފަނޑިޔާރުންނާއި ޝަރީއަތްތަކަށް ނުފުޒު ފޯރުވުމަކީ އެއްވެސް އިރެއްގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ބަލައިގަންނާނެ ކަމެއް ނޫންކަމަށް އެ ޕާޓީން ބުނެފިއެވެ.

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މައްސަލައަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުވެސް ދެކޭ ކަމަށެވެ.

"ޝަރީއަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ ދަށު ދަރަޖައިގެ އެ އަމަލުތަކަކީ މި ޕާޓީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުމެ ދެކޭނެ މައްސަލަތަކެކެވެ. އަދި އެފަދަ އަމަލުތަކަކީ މި ޕާޓީން ޓޮލަރޭޓް ކުރާނޭ އަމަލުތަކެއް ނޫނެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ބުނީ އެއްވެސް ޝަރީއަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުފޫޒު ފޯރުއްވަވާފައި ނުވާ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ދޭ ކަމަށެވެ.

މީގެ އިތުރުން ބުނީ އިއްޔެ ކުރީގެ ފަނޑިޔާރުންނާއި ވަކީލުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ރައީސް ޔާމީން ގެ ޝަރީއަތާ މެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލުވާލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި އިއްޔެގެ ބައްދަލުވުމުގައި ޝަރީއަތާ ގުޅުވައިގެން ފަނޑިޔާރުން ދެއްކެވި ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

މީގެ އިތުރުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަނޑިޔާރުން ދެއްކެވި ވާހަކަތަކާމެދު ކަންބޮޑުވުން ވެސް ވަނީ ފާޅުކޮށްފައެވެ.

ހަމައެއާއެކު ފަނޑިޔާރުންނަށް ނުފޫޒު ފީރުވަން މަސައްކަތްކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް އެ ޕާޓީން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

ކުރީގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އަދާލަތު ޕާޓީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ފަނޑިޔާރުންގެ އަބުރަށް އަރައިގަންނަނީ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްކަމަށް އެ ޕާޓީން ވެސް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް