ފޮތްތަކުން ފެންނަ ގޯސްތަކަކީ ގަސްތުގައި ކުރާ ކަމެއް: އިދިކޮޅު

ސެޕްޓެމްބާރ 5، 2021: ގްރުއާން މާއްދާގެ މައްސަލައިގައި ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ފޮތްތަކުން ފެންނަ ގޯސްތަކަކީ ގަސްތުގައި ރާވައިގެން ކުރާކަމެއް ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުން ކޮށްފިއެވެ.

އިސްލާމް އަދި ގުރުއާން ފޮތްތަކުން ފެނުނު ކުށްތަކާ ގުޅިގެން އެ ކޯލިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ފޮތްތަކުން ގިނަ އަދަދެއްގެ ކުށް ފާހަގަވެގެން ދިޔުމަކީ މިއަދު ތައުލީމީ ނިޒާމު ފެއިލްވެފައިވާކަމުގެ ހެއްކެއް ކަމަށެވެ.

"ސަރުކާރުން އެބަޖެހޭ މިއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫންކަން ޔަގީންކޮށްދޭން. އެކަމު އަަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި މިއީ ހިއުމަން އެރޯއެއް ކަމަށް. އެންމެ ކުށެއް ނޫން މިހުރީ. އެއަށްވުރެ ބައިވަރު ކުށް އެބަހުރި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ތައުލީމީ މަންހަޖު މުރާޖައާ ކުރީ 10 އަހަރަށް ވުރެ ގިނަ ދުވަހަށް ކޮށްފައި ހުރި ދިރާސާތަކާއެކު ކަމަށެވެ.

ހަމައެއާއެކު މިއަދު ތައުލީމީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ދަރިވަރުންގެ މެެދުގައި ގައުމިއްޔަތުގެ ރޫހު އާލާކުރުމަށް ކުރެވޭ މަސައްކަތަށް ވެސް ހުރަސް އެޅެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ސަރުކާރުގެ ނިޔަތެއް އަޅުގަނޑުމެންނަށް ނޭނގޭ މިއީ ފަހަރެއްގައި ރައްޔިތުން ޓެސްޓުކޮށްލަނީ ކަމަށްވުން ވެސް އެއީ އެކަށީގެންވާ ކަމެއް. މިބާވަތުގެ ކަންކަން ފެނުނީމާ ރައްޔިތުންގެ ރިއެކްޝަން ނުވަތަ ރައްޔިތުން ކަންކުރަނީ ކިހިނެއްކަން ބެލުން އެއީ ވެދާނެ ކަމެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދު ތައުލީމީ ނިޒާމު ފެއިލްވެފައިވާކަން ހާމަވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު މި ދިމާވި މަައްސަލައިގައި އަޅުގަނޑު ދަންނަވާނީ ސިސްޓަމް ހަމަ ފެއިލްވީއޭ، އެއިރު އަޅުގަނޑުމެން އަލަށް ފަށައިގެން ފޮތްތައް ލިޔުނު އިރު ފެނުނު ވަރަށް ވުރެ ގިނަ މިސްޓޭކް ފެނުނީމާ އޭގެ މާނައަކީ ސިސްޓަމް ފެއިލްވީއޭ. އެހެންވީމާ ސަރުކާރުން ޖެހޭ އެބަ ސިސްޓަމް އޮޑިޓެއް ހަދަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ވާހަކަދައްކަވާފައެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރާއި ނަފްރަތުގެ އަމަލަށް ހިތްވަރު ދޭކަމަށް ބުނެ ފޮޮތްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އަމަލަަކަށް ފޮތްތަކުގައި ހިތްވަރު ދީފައި ނޯންނާނެކަމަށެވެ.

"ވަރަށް ފަހުން ވާހަކަ ދެކެވިފައި އެބަހުުރި އިސްލާމް މާއްދާގައި ނަފްރަތުގެ އަމަލުތަކަަށް ވާގި ދޭ ފަދަ ވާހަކަތައް ހުރިކަމަށް ބުނެ ބަދަލުތަކެއް ގެންނަން އުޅޭ ވާހަކަ ވެސް. އަޅުގަނޑު ކަށަވަރުކަމާއެކީ ދަންނަވަން އިސްލާމް މުގައްރަރުގައި ހަރުކަށި ކަމަށް މަގުފަހިވާ އެއްވެސް ވާހަކައެއް ނޯންނާނެ،" ޝަހީމް ވިދާޅުވިއެވެ.

ހަމައެއާއެކު ނަފުރަތުގެ އަމަލަށް މަގުފަހިވާ ވާހަކައެއް ހުރި ނަމަ އެ ވާހަކައަކީ ކޮބައިކަން ރައްޔިތުންނާ ހިއްސާކުރަން ޖެހޭނެކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

https://sun.mv/156410

އިދިކޮޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ގުރުއާނާއި އިސްލާމް ފޮތްތަކެއްގައި ގުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ހުރިކަން އިއްޔެ ފާހަގަވުމާ ގުޅިގެން އެކަމާ މެދު ހުރި ކަންބޮޑުވުންތައް ފާޅުކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް