ފަލަ ކަމަށް ފޮޓޯތަކުން ދައްކަނީ ޖާޒީގެ ސައިޒް ބޮޑުވީމަ: ނޭމާ

ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ---

ޕީއެސްޖީގެ ހުނަރުވެރި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާގެ ހަށިގަނޑަށް މިފަހަރުގެ ސަމާ ބްރޭކަށް ފަހު ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް މީސްމީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.

ސީޒަން ޗުއްޓީއަށްފަހު އެނބުރި އައިސް ފްރެންޗް ލީގުގައި އެންމެ ފަހުން ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާ ކުޅުނު އިރު، ފްރެންޗް މީޑިއާތަކުން ވަނީ އޭނަގެ ފިޓްނަސްއާ ދޭތެރޭ ސުވާލު އުފައްދައިފައެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ނޭމާ ވަރުބަލިކަމާ އެކު ކުޅެމުން ދަނިކޮށް އޭނާ ވަނީ ބަދަލުކޮށްފައެވެ.

އެ މެޗުގައި ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު، ނޭމާ މިވަގުތު ހުރީ ހުންނަން ޖެހޭ ވަރަށް ވުރެން ބަރުކޮށް ކަމަށާއި، އޭނާއަށް އެފަދަ ބޮޑު ބަދަލެއް އައީ އިންތިހާއަށް ޕާޓީކޮށް ހަށިގަނޑަށް ނުބަލާ އުޅުމުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެއަށްފަހު މިދިޔަ ހަފުތާގައި ކުޅުނު ވޯލްޑްކަޕް ކޮލިފައިންގް މެޗަށްފަހު ވެސް ނޭމާއަށް ޖޯކު ޖަހައި ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި އޭނާއަށް މައްލަވަ ކޮށްފައެވެ. މިކަންކަމަށް ރައްދު ދެމުން 29 އަހަރުގެ ފޯވާޑް އިންސްޓްގުރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ފަލަ ނޫންކަމަށެވެ. އެހެން ނަމަވެސް ފަލަ ކަމަށް ދައްކަނީ އޭނާ ލައިގެން ހުރި ޖާޒީގެ ސަބަބުން ކަމަށެވެ.

ނޭމާ ބުނީ އާއްމުކޮށް އޭނާ ލަނީ މީޑިއަމް ސައިޒުގެ ޖާޒީ ކަމަށާއި، އެހެން ނަމަވެސް މިފަހުން އޭނާ ލައިގެން ހުރީ ލާޖް ސައިޒް ކަމަށެވެ. ފާޑު ކިޔުންތަކާ އެކު ދެން މެޗެއްގައި ލާނީ މީޑިއަމް ޖާޒީކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިރޭ ފަތިހުއެވެ.

މިއަހަރު އޮތް ކޮޕާ އެމެރިކާގެ ފައިނަލުގައި ބައްދަލު ކުރި އާޖެންޓީނާއާ ދެކޮޅަށް މިރޭ ބްރެޒިލް ނުކުންނަ އިރު، އެޓީމް ވަނީ މިފަހަރުގެ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ.

comment ކޮމެންޓް