އަލީ ވަހީދުގެ ޕާސްޕޯޓު މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށަނީ

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ދޭން އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުން ހައިކޯޓުގައި މިއަދު ތާވަލްކޮށްފިއެވެ.

އަލީގެ ޕާސްޕޯޓު ހިފަހައްޓައިދިނުމަށް އެދި ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު މެންދުރު ފަހަށެވެ.

ހައި ކޯޓުން އަލީ ވަހީދުގެ މައްސަލަ ތާވަލް ކޮށްފައިވާއިރު، އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެގައުމުން އަލީ ވަހީދު ހިފެހެއްޓީ ވިސާގެ މުއްދަތު ހަމަވުމުންނެވެ.

އަލީ ވަހީދުގެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ނަމަވެސް، ކުރިމިނަލް ކޯޓުން އެ އަމުރު ފަހުން ބާތިލުކުރީ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުންނެވެ.

އެއަށްފަހު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތްކަމަށް ކޯޓަށް ނުފެންނާތީ އެ އަމަރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިދިޔަ ޖުލައި މަހުގެ ހަތަރެއްގައި ނިންމެވިއެވެ.

އަލީ ވަހީދު ރާއްޖެއިން ފުރީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައި ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުކޮށްފައެވެ.

comment ކޮމެންޓް