އައްޑޫގެ ގޯތިތަކުގެ މައްސަލައިގައި އަޑީގައި ފޮރުވިފައިވާ ހަގީގަތް

އައްޑޫ ސިޓީގައި ހުންނަ އީކުއެޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިންތަކުގެ މައްސަލަ ފެށިފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެ ސަރަހައްދުން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް އައްޑޫ ސިޓީ ކައުންސިލަށް އަނެއްކާ ވެސް ނަގަން ނިންމުމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނައެވެ.

ހޮސްޕިޓަލު ސަރަހައްދުގައި ހުރި ބަންޑާރަ ގޯތީގެ ތެރެއިން 44 ގޯތި ނަގަން ސިޓީ ކައުންސިލުން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ނިންމީ 11 މެންބަރުން ހިމެނޭ ކައުންސިލްގެ 10 މެންބަރުންގެ ވޯޓާއެކުގައެވެ.

ކުރީގެ ކައުންސިލްގެ ނިންމުމާއި މިހާރުގެ ކައުންސިލްގެ ނިންމުން ތަފާތު

ބަންޑާރަ ގޯތިތައް ކައުންސިލުން ނަގަން ނިންމި ނިންމުމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތައް ގޮސް ގުޅެނީ ކުރީގެ ސިޓީ ކައުންސިލާއެވެ. ދެހާސް ނަވާރަ ވަނަ އަހަރު އޭރުގެ ކައުންސިލުން ވެސް ވަނީ ރައްޔިތުންނަށް ދޫކޮށްފައިވާ ބައެއް ގޯތިތައް ކައުންސިލަށް ނަގަން ނިންމައި، މަސައްކަތްތަކެއް ކޮށްފައެވެ.

އެންމެ ފަހުން އިންތިހާބު ކުރި ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ކުރީ ކައުންސިލުން ނިންމި ނިންމުމާ ތަފާތެވެ.

"ސަން" އިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކުރީ ދައުރުގެ ކައުންސިލުން ގޯތިތައް ނަގާފައިވަނީ އެހެން ބަޔަކަށް ބިން ދިނުމަށެވެ. އަދި އެކަން ކޮށްފައިވަނީ ގޯތީގެ ވެރިފަރާތަށް އެންގުމެއް ނެތިއެވެ. އެހެންވުމުގެ ސަބަބުން ގޯތީގެ ރެޖިސްޓްރީތައް އަދިވެސް ހުރީ އެ ފަރާތްތަކުގެ ނަން މަތީގައެވެ. އަދި ގޯތީގެ މައްސަލަ އެއިރު ކޯޓަށް ހުށަހަޅާފައި ނުވާއިރު، ގޯތި ކައުންސިލަށް ނަގާފައިވަނީ ގޯއްޗަށް ވާ ބަދަލު ދިނުމެއް ވެސް ނެތިއެވެ.

މިހާރުގެ ކައުންސިލުން ބިން ހުސްކުރަން ނިންމާފައިވަނީ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ތަރައްގީއާ ގުޅިފައިވާ އިޖުތިމާއީ ބައެއް ކަންކަން އިތުރަށް ތަރައްގީކޮށް ފަހިކުރުމަށެވެ. އެކަމަށްޓަކައި ނަގާ ގޯތީގެ ބަދަލުގައި ގޯތި ދޭން ކައުންސިލުން ނިންމާފައިވާއިރު، ބަދަލެއް ދޭން ޖެހޭނަމަ ކައުންސިލާއެކު އެކަމާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު ވެސް ކައުންސިލުން ހުޅުވާލިއެވެ.

ހޮސްޕިޓަލު ސަރަހައްދުން ގޯތި ނެގުމަށް ފަހު އެހެން ސަރަހައްދަކު ގޯތި ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން-- ސަން ފޮޓޯ

އެގޮތުން 2100 އަކަފޫޓުގެ ބިން ހުރި ފަރާތްތަކަށް ވެސް 3000 އަކަފޫޓުގެ ބިން ދޭން ވަނީ ނިންމާފައެވެ. އެ ބިންތައް ދެނީ މިހާރު ހޮސްޕިޓަލް ހުންނަ ސަރަހައްދާ ކައިރީގައި އޮންނަ ސަރަހައްދަކުންނެވެ. އެއީ ކުރިން ހޮސްޕިޓަލް އަޅަން ކަނޑައެޅި ސަރަހައްދެކެވެ. އަދި އެންމެނަށް ވެސް ބަދަލު ދޭނީ ގާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކުގައި ކަމަށް ކައުންސިލުން ބުނެއެވެ.

ގޯތި ނެގުމުން ލިބޭ އާންމު މަންފާ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ތަރައްގީއާ ގުޅިފައިވާ ތަނެކެވެ. ދެކުނުގެ ގިނަ އަތޮޅުތަކުން ސިއްހީ ފަރުވާ ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.

އައްޑޫ ސިޓީން "ސަން" އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ހޮސްޕިޓަލު ކައިރީގައި އިޖުތިމާއީ ވަސީލަތްތައް ގާއިމްވެފައެއް ނެތެވެ. ވިޔަފާރިކޮށްލާނެ ފިހާރައެއް ނެތެވެ. ކުޑަކުދިންނާއެކު ޒިޔާރަތްކުރާ މީހުން މަޑުކޮށްލާނެ ޕާކެއް ނެތެވެ. ކާބޯތަކެތީގެ ހިދުމަތް ހޯދާނޭ ތަނެއް ވެސް ކައިރި ހިސާބެއްގައި ނެތެވެ. އަދި އެކޮމޮޑޭޝަން ބްލޮކެއްގެ ހިސާބު ނެތްއިރު، މިއިން ކޮންމެ ހިދުމަތެއް ހޯދުމަށް ވެސް ދާން ޖެހެނީ ރަށުގެ މެދަކާ ހިސާބަށެވެ. އެއީ ދުއްވާ އެއްޗެއް ނެތި ނުދެވޭހާ ދުރު ހިސާބެކެވެ. ކަން މިހެން އޮތްއިރު، ރަށަށް އަންނަ ކޮންމެ ބީރައްޓެއްސަކީ ސައިކަލެއް ހުންނާނެ މީހެއް ނޫނެވެ.

އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލް--

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެ ކައުންސިލުން ބޭނުންވަނީ ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ފަހި ހިދުމަތްތަކެއް އެ ސަރަހައްދުން ލިބޭނެ ގޮތް ފަހިކޮށްދިނުމެވެ.

ކޯޓުގެ ނިންމުން ދެ ގޮތަކަށް

ހޮސްޕިޓަލު ސަރަހައްދުން ގޯތި ނަގަން ނިންމުމާ ގުޅިގެން ހިތް ހަމަނުޖެހޭ ފަރާތްތަކުން މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލުން އެ ފުރުސަތު ވެސް ދިނެވެ. އެކަމާ ގުޅިގެން 14 ފަރާތަކުން ކައުންސިލްގެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ. އޭގެ ތެރެއިން ހަތް މައްސަލައެއް ބައްލަވާފައި ވަނީ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދެވެ. އަދި ބާކީ ހަތް މައްސަލަ ބައްލަވަނީ ގދ. ރަތަފަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ނިހާމު ރަޝީދެވެ.

އެގޮތުން ކޯޓުން ފުރަތަމަ ބެލި މައްސަލައިގައި މެޖިސްޓްރޭޓް ރަފީއުއްދީން ހުކުމްކޮށްފައިވަނީ ބިން ނެގުމަށް ކައުންސިލުން ނިންމައި ކުރި އިއުލާނަކީ ބާތިލު އިއުލާނެއް ނޫންކަމަށެވެ. ހުކުމުގައި ބުނެފައިވަނީ ބިން ބަދަލު ކުރެވޭނީ ކޯޓު މެދުވެރިކޮށް ކަމަށާއި ކައުންސިލަށް ބިން ބަދަލު ކުރެވޭނީ ބިމުގެ ވެރިފަރާތާ މަޝްވަރާކޮށް ރުހުމުގައި ކަމަށެވެ. އަދި އެނޫންގޮތަކަށް ބިން ނެގޭނީ ބަދަލު ދިނުމަށްފަހު ކޯޓު މެދުވެރިކޮށްކަމަށެވެ.

ބާކީ ހަތް މައްސަލައިގައި ރަތަފަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ނިހާމު ރަޝީދު ކުރި ހުކުމުގައި ވެސް ބިންތައް ކައުންސިލަށް ނުނެގޭނެ ކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އަދި ކައުންސިލްގެ ނިންމުން ބާތިލް ކަމަކަށް ވެސް ކަނޑައަޅާފައެއް ނުވެއެވެ.

ކޯޓުން ކުރި ހުކުމްގައި ވަނީ ކައުންސިލުން ކުރި އިއުލާނުގައި ގޯތިތައް ނެގީ "އާންމުވެގެންވާ މަންފާ"އަކަށް ކަމުގައި ބުނެފައިވީ ނަމަވެސް އާންމު މަންފާއަކީ ކޮބައިކަން ސާފުކޮށް ނުދެވޭކަމަށެވެ. އަދި އެ ސަރަހައްދުގައި އާންމު މަންފާއަށް ކުރާނެ ކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެކަމަށާއި، ރައްޔިތުންގެ ބިން ނެގޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހުށަހަޅައި ކޯޓު މެދުވެރިކޮށްކަމަށް ހުކުމުގައިވެއެވެ.

ކޯޓުގެ ދެ ހުކުމް ތަފާތުވި ނަމަވެސް ކައުންސިލަށް ބިން ނުނެގޭނެ ކަމަށް އެއްވެސް ހުކުމެއްގައި ބަޔާންކޮށްފައެއް ނުވެއެވެ.

ބައެއް ބިންތަކުގައި ގެ އެޅުމުގެ މަސައްކަތް ކުރިއަށް

ގޯތީގެ މައްސަލަ ހިނގަމުން ދިޔައިރު، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މައްސަލައިގައި ހުކުމަކާ ހަމައަށް ދެވެންދެން ގޯތީގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށް ވަގުތީ އަމުރެއް ނެރެފައެވެ.

މި ގޮތަށް ކޯޓުން ވަގުތީ ހުކުމެއް ކޮށްފައި އޮތް ނަމަވެސް ބައެއް އާންމު ފަރާތްތަކުން ވަނީ ގޯތީގައި މަސައްކަތް ފަށާފައެވެ.

"ސަން"އާ ވާހަކަ ދެއްކި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެއް ގޯތީގައި ކޮޓަރިއެއް ފަދަ ތަނެއް އަޅާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެތަން ނިންމައި ކަރަންޓުލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، ގޯތިތަކުގައި އެއްވެސް މަސައްކަތެއް ނުކުރަން އެ ގޯތިތަކުގެ ވެރިންނަށް ކައުންސިލުން ވެސް ވަނީ މީގެ ކުރިން އަންގާފައެވެ.

ކައުންސިލަށް ނަގަން ނިންމާފައިވާ ގޯއްޗެއްގައި މަސައްކަތްކުރަނީ-- ސަން ފޮޓޯ

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ ކޯޓުގައި މައްސަލަ އޮތުމާ ގުޅިގެން ގޯތީގައި ކުރެވެމުންދާ އެއްވެސް މަސައްކަތެއް ހުއްޓުވުމަށް އެއްވެސް ކަމެއް އަދި ކައުންސިލުން ކޮށްފައިނުވާނެ ކަމަށެވެ.

"މިހާރު މިދަނީ އެކަމާ [ގޯތި ކައުންސިލަށް ދިނުމާ] ދެކޮޅު ހަދާ ނުވަތަ ޑިސްޕިއުޓެއް އުފެދޭ ފަރާތެއް ވެއްޖެ ކަމަށް ވާނަމަ، ކައުންސިލާއެކު މަޝްވަރާ އަށް އައިސް، ދެން އަމިއްލައަށް ހައްލު ނުކުރެވޭ ފަރާތްތަކާއެކު ކޯޓު މެދުވެރިކޮށް ބަދަލު ދިނުން. އެއީ ގާނޫނުގައި ވެސް އިންނަ ޕްރޮސީޖާ،" ޝުއާއު ވިދާޅުވިއެވެ.

މީގެ އިތުރުން "ސަން"އަށް އެނގިފައިވާ ގޮތުގައި މަސައްކަތް ކުރަމުންދާ އެއް ގޯތީގައި މަސައްކަތް ކުރަނީ އެ ސަރަހައްދުގެ ޕޭވްމަންޓުގެ މަތިން ގާ ނަގައިގެން އެތަނުގެ ބައެއް ވެސް ކޮނެ ބުޑު އަޅައިގެންނެވެ. އެގޮތުން އެތަނުގައި ގެ އެޅުމުގެ މަސައްކަތް ކުރަނީ ޕޭވްމަންޓުން ތިން ފޫޓުގެ ބައެއް ނަގައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނެފައި ވަނީ "މީސްމީހުންގެ ގޯއްޗަކީ ނިގުޅައިގަނެވިގެންވާނެ ތަކެއްޗެއް ނޫން" ކަމަށެވެ. އަދި ބުނެފައި ވަނީ އާންމުވެގެންވާ މަންފާއަކަށްޓަކައި ނަމަވެސް ގާނޫނުގައިވާ ގޮތަށް އަދި "ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެން ނުވާނެ" ކަމަށެވެ.

ގޯތިތަކުގެ މައްސަލައިގެ މާޒީގައި ކޮރަޕްޝަން

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލުން ނަގަން ނިންމާފައިވާ ގޯތިތަކުގެ ތެރޭގައި، އެ މީހަކަށް ގޯތި ލިބުނު ގޮތެއް ނޭނގޭ ހަތަރު ގޯތި އެބައޮތެވެ. އެމީހުންނަށް ގޯތި ލިބުނު ގޮތުގެ އެއްވެސް އަސްލެއް އެނގޭކަށް ވެސް ނެތެވެ.

ގޯތި ލިބޭ މީހުންގެ ފުރިހަމަ ވާންޖެހެ ޝަރުތުތަކުގެ ތެރޭގައި މީހަކާ އިނދެ، ދަރިއަކު ހުރުން ހިމެނޭއިރު، އެމީހުންނަކީ 2002 ވަނަ އަހަރު އެ ގޯތިތައް ދޫކުރިއިރު، ގޯތި ލިބޭ މީހުންގެ އުމުރު ހަމަވާ ބައެއް ވެސް ނޫނެވެ.

މީގެ އިތުރުން ކުރީގެ ސިޓީ ކައުންސިލުން ކެމްޕެއިން ތެރޭގައި، އައްޑޫގެ ބައެއް ނުފޫޒުގަދަ ފަރާތްތަކަށް ގޯތި ބަދަލުކޮށްދީ ހަދާފައިވަނީ ގޯތީގެ ވެރި ފަރާތަށް ވެސް އެންގުމަކާ ނުލައި ކަމަށް މިހާރުގެ ކައުންސިލުން ތުހުމަތު ކުރެއެވެ. އަދި މިހާރުގެ ކައުންސިލްގެ ގިނަ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި އެ ކަމަކީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ވޯޓު ހޯދަން ކޮށްފައިވާ ކަމެކެވެ.

"މި ބަދަލު އައިއިރު ހަތަރު މީހެއްގެ ނަން އެބަހުރި ހިމަނާފައި. އެމީހުންނަށް ގޯތި ލިބުނު ގޮތުގެ އެއްވެސް އަސްލެއް އެނގޭކަށް ނެތް. އެ މީހުންނަކީ ގޯތި ދޫކުރި އިރު އުމުރު ހަމަވީ ބައެއް ވެސް ނޫން. އުމުރު ހަމަ ނުވާ މީހަކަށް ކިހިނެއް ހެއްޔޭ ގޯތި ލިބުނީ. އެ ގޯތީގެ އަސްލު ވެރިންނަށް ނޭނގި ގޯތި އަތުލާފަ އޮތީ. އަތުލާފަ އެހެން ސަރަހައްދަކުން ގޯތި ދިނީ" ކައުންސިލް މެންބަރަކު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކައުންސިލުގެ ރިކޯޑުގައި ގޯތީގެ ވެރިފަރާތް ކަމަށް އޮންނަ މީހާއާއި މިހާރު ބިން ލިބިފައިވާ ފަރާތުގެ ނަމާ ދިމައެއް ނުވެއެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެ ގޯތިތައް ނުފޫޒުގަދަ ވިޔަފާރިވެރިންނަށް ހޮސްޕިޓަލު ސަރަހައްދުން ދިނީ ނިމިދިޔަ ކައުންސިލް އިންތިޚާބާ ދިމާކޮށެވެ.

ހޮސްޕިޓަލު ސަރަހައްދުން 2002 ވަނަ އަހަރު ބަންޑާރަ ގޯތި ލިބިފައިވާ ބައެެއް ފަރާތްތަކުގެ އަތުން އަދުލުވެރި ބަދަލެއް ނުދީ އަދި އެފަރާތްތަކަށް އެންގުމަކާ ވެސް ނުލައި ކުރީގެ ކައުންސިލުން ވަނީ ގޯތިތައް ނަގާ އެހެންތަނަކަށް ބަދަލު ކޮށްފައެވެ. އަދި އެ ގޯތިތައް ކައުންސިލް އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވަނީ ނުފޫޒުގަދަ ވިޔަފާރިވެރިންނަށް ވޯޓު ހޯދުމުގެ ނިޔަތުގައި ދީފައެވެ. އަދި އެ ބިންތަކުގެ ހައްގުވެރިން "ވާނުވާގައި" ބޭތިއްބުމަށްފަހު އެހެންތަނަކުން އެމީހުންނަށް ވަނީ ބިން ދީފައެވެ.

މިހާރުގެ ކައުންސިލުން "އާންމު މަންފާ"އަކަށް ޓަކައި ހޮސްޕިޓަލު ސަރަހައްދުގައި މިހާރު އޮތް ބިންތައް ނެގުމަށް ވަނީ ނިންމައިފައެެވެ. އަދި ކުރީގެ ކައުންސިލްގެ ނިންމުމާ ޚިލާފަށް މިހާރުގެ ކައުންސިލުން ވަނީ އަދުލުވެރި ބަދަލު އެ ބިންތަކުގެ ވެރިންނަށް ދޭން ނިންމައިފައެވެ.

ދެކުނުގެ މައި ހޮސްޕިޓަލު ހުންނަ އައްޑޫ ސިޓީގެ ހޮސްޕިޓަލު ސަރަހައްދަށް މިއަދު ބޭނުންވާ އެތައް ވަސީލަތްތަކެއް އެބަހުއްޓެވެ. އެތަނަށް ބޭސް ފަރުވާއަށް ދާ މީހުންނަށް ބޭނުންވާނެ ޒަރޫރީ ކަންތައްތަކެއް އެތަނުން ފަހިކޮށްދެވެން ޖެހެއެވެ. ނަމަވެސް މިހާރު އެތަނުގައި އޮތް ބަންޑާރަ ގޯތިތައް އެގޮތަށް ބޭއްވުމުން އެ ކަންކަމަށް ހުރަސް އެޅެއެވެ.

އެހެންކަމުން، އެ ސަރަހައްދުގެ ގޯތިތައް ނަގައި، އަދުލުވެރި ބަދަލެއް ދިނުމަކީ މިއަދު ކައުންސިލަށް ލިބިގެންވާ ހައްގެކެވެ. އައްޑޫގެ މުސްތަގުބަލު ގުޅިފައިވާ މި ހޮސްޕިޓަލް ސަރަހައްދުގެ ތަރައްގީއަށް މިއަދު މުޅި އައްޑޫ ސިޓީ ވެސް އޮތީ ފެންބޮވައިގެންފައެވެ.

ހޮސްޕިޓަލު ސަރަހައްދުގެ ބިންތަކާ ގުޅިގެން އައްޑޫގެ ބައެއް މީހުން މިއަދު ޝަކުވާ ކުރުމަކީ މާނައެއް ނެތް ކަމެކެވެ. ސަބަބަކީ ކައުންސިލުން ގޯތިތައް ނަގަން ނިންމައިފައިވަނީ އަދުލުވެރި ބަދަލު ދިނުމަށްފަހުއެވެ. މާނައަކީ ހޮސްޕިޓަލާ ކައިރި އެހެން ސަރަހައްދަކުން ގޯތި ލިބުމުގެ ފުރުސަތު އެ މީހުންނަށް ވަނީ ފަހިވެފައެވެ.

މި ބިންތައް ނެގުމަކީ މިއަދު އައްޑޫ ސިޓީގެ ތަރައްގީއާ ގުޅިލާމެހޭ ކަމެކެވެ. އައްޑޫގެ ތަރައްގީގެ ދުވެލި ބާރު ސްޕީޑުގައި މެކުހަށް ޖެހުމަށްޓަކައި މިއީ ކޮންމެހެން ކުރުން މުހިންމު ކަމެކެވެ.

comment ކޮމެންޓް