ތިޔަ ލޯބި އެދިގެން... - 03

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"އައި ލަވް ޔޫ..."

"ލަވް ޔޫ ޓޫ..." އާހިލް ވެސް ބުނެލިއެވެ.

އާހިލްއާ ވާހަކަ ދައްކާފައި ފޯނު ބޭއްވި މިންހާ ވެސް އަވަސްވެގަތީ ނިދާލުމަށެވެ. ލަސްތަކެއްނުވެ އޭނާގެ ދެލޮލަށް ނިދި ސަވާރުވެ، ހުވަފެނީ އާލަމަށް އޭނާ ގެނބިގެންދާކަށް، މާގިނަ އިރެއް ނުނެގިއެވެ.

*****

ޖެހިގެން އައި ދުވަހު ހޭލައިގެން އޭނާ ގޭގެ ގޯތިތެރެ ކުނި ކަހަން ނުކުތްއިރު، އާދައިގެ މަތިން ޔޫލިންވެސް އުޅެނީ ކުނި ކަހާށެވެ. އެއީ އާދައެވެ. ޔޫލިންގެ މަންމައަކީ އަބަދުވެސް ފަތިހު ހޭލައިގެން ވަލަށް ގޮސް އުޅޭ މީހެކެވެ. އައިސް ވަންނާނީ ބަދިގެއަށެވެ. އެހެންކަމުން ގޭތެރެ ކުނި ކެހުމަކީ އަބަދުވެސް ޔޫލިންގެ މަސައްކަތެވެ.

"އޭތް މިންނު އިނގޭތަ؟" ޔޫލިން ކުއްލިއަކަށް މަސައްކަތް ހުއްޓައިލަމުން ތެދުވެލަމުން މިންހާއަށް ގޮވައިލިއެވެ.

"އުހުން. ބުނީމަ ދޯ އިނގޭނީ..." މިންހާ ބުނެލިއެވެ.

"އެއްކަލަ އައިހަމް އެބަ އުޅޭ އަނެއްކާ މިރަށަށް އަންނަން." ޔޫލިން ބުނެލިއެވެ.

"ދެން ލީންއަކަށްނު ގޮތްތަކެއް ވާން ޖެހޭނީ..." ހީގަންނަމުން މިންހާ ބުނެލިއެވެ.

"ތިޔެއް ނޫނޭ... އޭނަ އައިސް ހުންނަތަން ގެސްކޮށްބަލަ!" ޔޫލިން ބުނެލިއެވެ.

"ކޮންތާކުއޯ؟ ލީންގެ ކޮޓަރީގަތަ؟" މިންހާ ދިމާކޮށްލިއެވެ. އޭނާ ލާނެތް ހިނިތުންވުމެއް ޔޫލިންއަށް ހަދިޔާ ކޮށްލުމާއެކު، ޔޫލިން ލޯ އަޅައިލިއެވެ.

"އެއްކަލަ މިންނު. ތިގޭގަ އޭ ހުންނަނީ! ކުރިން ފަހަރުތަކުގައި އޭނަ އައިސް މިގޭގައި ހުރި ކޮޓަރި ރިނޮވޭޓް ކުރާތީ މިފަހަރު ތިގޭގަ ބަހައްޓަންވެގެން މިންނު ބައްޕައާ ވާހަކަ ދައްކާނަމޯ މަންމަ ބުނީ..." ޔޫލިން ބުނެލިއެވެ.

"އެހެންތަ؟ އަދި އެކަހަލަ ވާހަކައެއް ދެއްކިހެނެއް ހިޔެއްނުވޭ..." މިންހާ ފަތްތައް އެއްކޮށްލުމަށްފަހު، ކައިރީގައި ހުރި ޓައްޕަށް އަޅައިލިއެވެ. އެއަށްފަހު އޭނާ ޔޫލިންއަށް ބަލައިލިއެވެ.

"ދުވަސްގަނޑަކަށްފަހު، އެ ސޮރު ފެންނަން އުޅޭތީ ވަރަށް ހިތްހަމަޖެހިފަ ދޯ ތިހުރީ؟" މިންހާގެ ދިމާކުރުންތަކުގެ ސަބަބުން ޔޫލިންގެ މޫނުގެ ކުލަވަރު ބަދަލުވެ ލަދުވެތިކަމުގެ އަސަރު އެ މޫނުމައްޗަށް ވެރިވަމުންދިޔައެވެ. ލަދުން ރަތްވަމުންދިޔަ މޫނަށް ބަލައިލަމުން މިންހާ، އިތުރަށް ދިމާކުރަން ފެށިއެވެ.

"ދެން ތިހާވަރު ވަންޏާ އޭނަ އައިމަ ބުނެބަލަ ވަރަށް ލޯބިވެޔޭ... މިހާރު ހުސްކޮށްވެސް ހުރެދާނެއެއްނު." މިންހާ ބުނެލިއެވެ.

"އޭނަ ނުހުންނާނެ ހުސްކޮށެއް. ކުރީ ފަހަރު އައިއިރުވެސް އެހާ ލޯބިން އޭނަ ޖީއެފް އާ ވާހަކަ ދައްކާ ކަންތައްކުރީ... ސޯ އަހަންނަށް ނޯ ޗާންސްއެއްނު. އެހެން ނޫނަސް އަހަރެން ނޫޅެން މިހާރަކުއެއް... " ޔޫލިންގެ އަޑުގައި ހިސާބެއްގެ މަޑުމައިތިރިކަމަކާއި މާޔޫސްކަމެއް ވިއެވެ. އައިހަމް އަކީ އޭނާގެ ދޮންބެ ރައިހާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެ ރަށަށް އައިހަމް އައި އެންމެ ފުރަތަމަ ފަހަރުވެސް އައިހަމްގެ އެ ރީތިކަމުގެ ޖާދޫގައި ޔޫލިން ޖެހުނެވެ. އައިހަމްއަކީ އޭނާއަށް ނުހަނު ކަމުދިޔަ ޒުވާނަކަށް ވިއެވެ. އައިހަމްއާ ގުޅުމަށް ދެކުނު ހުވަފެންތަކުގައި ކުލަނުޖެހި އުޅެނިކޮށް އެ ހުވަފެންތައް އަނދާ އަޅިއަށްވީ އައިހަމް އެހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގުނުފަހުންނެވެ. އޭނާ އައިހަމް ކިތަންމެ ބޭނުންވިޔަސް އެއީ އޭނާގެ ތަޤުދީރުގައި ލިޔެވިފައި ނުވާކަމެއްކަމަށް ޔޫލިން ނިންމި ނަމަވެސް، އަދިވެސް އައިހަމްއަށްޓަކާ އޭނާގެ ހިތުގައި މާނަފުން ޖަޒުބާތުތަކަކާ އިޙްސާސްތަކެއް ވެއެވެ.

"އޭތް ކޮން ޚިޔާލަކަށް ގެއްލިފަ؟" ޔޫލިންގެ މަޑުމައިތިރިކަމުން މިންހާއަށް އުނދަގޫވިއެވެ. އޭނާ އުނަގަނޑުގައި ދެއަތް ވިއްދައިލަމުން ޔޫލިންއާ ސުވާލުކޮށްލިއެވެ.

"އޭތް... ކީކޭ؟ ނޫން ކަމެއް ނުވޭ... ކީކޭ ދެންމެ ތިބުނީ..." ޔޫލިން އެހެން ބުނެލުމަށްފަހު، އޭނާގެ މަސައްކަތަށް ސަމާލުކަންދޭން ފެށިއެވެ.

"ވާވަރެއް އެނގޭނީ އޭނަ އައިސް ކުރިމައްޗަށް އެރީމައޭ މަ މި ބުނީ..." ދިމާކުރާ ރާގަކަށް މިންހާ އެހެން ބުނެލުމާއެކު، ތުންކޮޅު އޫކޮށްލަމުން ޔޫލިން ވެސް އޭނާގެ މަސައްކަތަށް ސަމާލުކަން ދެވޭތޯ މަސައްކަތްފެށިއެވެ.

"އަަހަރެން ދަނީ..." ކުނި ކަހާ ނިންމާލުމަށްފަހު، ޔޫލިންއަށް ބަލައިލަމުން މިންހާ ބުނެލިއެވެ. އެއަށްފަހު އޭނާ ގޮސް ގޭތެރެއަށް ވަނެވެ.

ބައްޕަ މިއަދު ސިޓިން ރޫމަށް ނުކުމެ އުޅޭތަނެއްވެސް އޭނާއަކަށް ނުފެނެއެވެ. އެހެންކަމުން ބައްޕަގެ ކޮޓަރީގައި ދެފަހަރަކު އޭނާ ޓަކި ޖަހައިލުމާއެކު، ދޮރު ހުޅުވައިލުމަށް އެދުނެވެ. އޭނަ ދޮރު ހުޅުވައިލިއިރު ބައްޕަ އެނދުގައި އޮށޯވެލައިގެން އޮތްތަން ފެނުނެވެ.

"ބައްޕާ... މިއަދު ބަލީތަ؟" މިންހާ ސުވާލުކޮށްލިއެވެ.

"ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ..." ހަނީފް ކުޑަކޮށް އެނދުން ތެދުވަން މަސައްކަތްކުރިއެވެ.

"ބޭސް ގެނެސްދެންތަ؟ އަނެއްކާ ހުން އައީތަ؟" މިންހާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް ހުއްޓެވެ.

"ބޭސް ކައިގެން މިއޮތީ. ހުންވެސް އެބަހުރި. އެކަމަކު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ބޭސް ކައިލީމަ..." ހަނީފް އެނދުގައި އިށީނދެލަމުން މިންހާއަށް ބަލައިލިއެވެ. އޭރުވެސް އޭނާގެ މޫނުމަތީގައި ވަރުބަލިކަން ވެއެވެ. އޭނާގެ މަޑުމޮޅި ހަރަކާތްތަކުން އެ ހަށިގަނޑުގައިވި ބަލިކަށިކަން ހާމަކޮށްދެމުން ދިޔައެވެ. މިންހާ ހަނީފް ކައިރީގައި އަރާމުކުރުމަށް ބުނުމަށްފަހު، ބަދިގެ ފަރާތަށް ގޮސް ކާއެއްޗެހި ތައްޔާރުކޮށްލަން އަވަސްވެގަތެވެ.

*****

ޔޫލިން އޭނާގެ މަންމަ ސަކީނާއާއެކު ކާކޮޓަރީގައި ހަރަކާތްތެރިވަމުންދިޔައީ ރައިހާން އައިހަމް ގޮވައިގެން އަންނަން ވާއިރަށް ސައި ތައްޔާރުކުރުމަށެވެ. އެ ހުރިހާއިރުވެސް ޔޫލިންގެ ހިތުގެ ތެޅުން ވަނީ ބާރުވެފައެވެ. އޭނާގެ ސިކުނޑީގައި ކުރެހިފައިވަނީ އައިހަމްގެ ސޫރައެވެ. އެހާ ދުވަސްފަހުން އެ ސޫރަ ފެންނައިރު ހުންނާނެ ގޮތް ހިތަށް ގެނެވުމުން އެކަނިވެސް އޭނާގެ ހިތަށް އެނގުންވެގެންދިޔައެވެ. އެހިތުގެ ތެޅުން ބާރުވިއެވެ. އެ ޚިޔާލުތަކުން ސިކުނޑި މިނިވަންކުރަން ޔޫލިން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އޭނާއަށް އެ ޙިޔާލުތަކުން މިންޖު ވެވޭގޮތެއް ނުވިއެވެ.

"މާ ބޮޑު ތަފާތެއް ނާދޭ ދޯރަށަކަށް..." ރައިހާންގެ ސައިކަލު ފަހަތުގައި އިނދެގެން އައިހަމް ވާހަކަ ދެއްކިއެވެ. ދެ އެކުވެރިން އެފަދަ ވާހަކަތަކެއްގައި ތިބެ އައިސް ގެ ކައިރީގައި ސައިކަލު ބެހެއްޓިއެވެ. ސައިކަލުން ފައިބަމުން ރައިހާން އައުމަށް އިޝާރާތްކޮށްލަމުން އައިހަމްއާއެކު ގޭ ގޯތިތެރެއަށް ވަނެވެ. ކާ ކޮޓަރި ހުންނަނީ ގެއާ ވަކިންކަމުން ގޭތެރެއިން ދިޔުމުގެ ބަދަލުގައި ހަނި ގޯޅިގަނޑުން ލާފައި އެމީހުން ދިޔައީ ސީދާ ބަދިގެ ފަރާތަށެވެ.

"މަންމާ..."

ރައިހާން ސަކީނާއަށް ގޮވައިލި އަޑު އިވިފައި އޭނާ ނުކުތްއިރު، ޔޫލިންއަށް އަތް އަޅައިލެވުނީ އޭނާގެ މޭގައެވެ. އެއައީ އައިހަމް ގޮވައިގެންކަން އޭނާއަށް އެނގުނެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވަން ކުރެވޭނެ ކަމެއް ނޭނގި އޭނާއަށް އަތުގެ ނިޔަފަތިތައް ހެފެން ފެށުނެވެ.

" ވަދޭ އައިހަމް..." އެފަދަ ޚިޔާލުތަކެއްގައި އޭނަ ހުއްޓާ ސަކީނާގެ އަޑަށް ޔޫލިންއަށް ފަހަތަށް ބަލައިލެވުނެވެ. އޭރު ރައިހާންގެ ފަހަތުގައި ދަބަސް އަޅުވައިލައިގެން އައިހަމް ހުއްޓެވެ. އޭނާގެ ތޫނު ދެލޯ ވަނީ ރޭބަން އަވި އައިނަކުން ފޮރުވާލާފައެވެ. ކުރިން ފަހަރުތަކަށް ވުރެ މާ ފިރިހެންވަންތައެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރު ކޮށްދީފައިވާއިރު، ލާފައިވާ ހުދުކުލައިގެ ޓީޝާޓް ހުރީ ގަޔަށް ހިފާލާފައެވެ. ވުމާއެކު އޭނާގެ ރީތިހަށިގަނޑުގެ ބައްޓަން ވެސް ރީތިކޮށް ފާޅުވެއެވެ.

"އަދިވެސް އަވިގަދައީތަ އައިހަމް؟" ސަކީނާ ލުއި ހުނުމަކާއެކު ސުވާލުކޮށްލިއެވެ.

"ނޫނޭ..." ޖަވާބުދެމުން އައިހަމް އޭނާގެ ލޮލާ އަވިއައިނު ވަކިކޮށްލިއެވެ. ޔޫލިން އޭރުވެސް ހުރީ އައިހަމްއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާއަށް ހިންދިރުވައިލެވުނީވެސް އުނދަގުލުންނެވެ.

"ހޭ..." އައިހަމްއާ ދެމީހުންގެ ހަތަރުކަޅި ބައްދަލުވިވަގުތު އައިހަމް އާދައިގެ ގޮތަކަށް ވާހަކަ ދެއްކިއެވެ.

"ހޭ..." ޔޫލިން ވެސް އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. އޭރުވެސް އޭނާގެ ހިތް ހީވަނީ މޭ ފަޅާފައި ބޭރަށް ފުންމާލަފާނެހެންނެވެ. އަތްފައި ފިނިވެ، އޭނާއަށް އައިހަމް ފެންނަ ހިސާބުގައި ހުންނަންވެސް އުނދަގޫވިއެވެ. އެއީ އެހާ ގިނަ ދުވަހު އައިހަމް ނުފެނި ހުރެފައި ފެނުމުން ވީގޮތެއްކަމަށް ނިންމާ، އޭނަ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިނަމަވެސް، އެއީ ކީއްވެގެން އޭނާއަށް އަންނަ ބަދަލުތަކެއްކަން ޚުދު އޭނާއަށްވެސް އެނގެއެވެ. އެހެންކަމުން އެކަމާ ދެކޮޅު ހެދުމުގެ ހިތްވަރު ދޫވާހެންވެސް ޔޫލިންއަށް ހީވިއެވެ.

"ސައިބޮއިގެނެއްނު ކޮޓަރިއަށް ދާން ހަދާނީ ދޯ..." ގޮނޑިއަށް އިޝާރާތް ކޮށްލި ސަކީނާ އޭނާ އަޅައިގެން ހުރި ވަށްބުރުގާ ރީތިކޮށްލިއެވެ. އެއަށްފަހު ސައި ޖޯޑަށް އަޅައިލުމަށްފަހު، ރައިހާންއާ އައިހަމް ކައިރީީގައި އިށީނުމަށް ބުނެލިއެވެ.

"މަންމާ...އެބަ އަންނަން އިނގޭ..." ސަކީނާގެ ޖަވާބަކަށް ވެސް އިންތިޒާރު ކުރުމެއްނެތި ޔޫލިން ނުކުމެ ދުއްވައިގަތީ، މިންހާމެން ގެއާ ދިމާލަށެވެ. ގޭ ގޯތިތެރެއިން ލާފައި މިންހާމެން ގޯއްޗަށް ވަދެފައި އެ ދިޔަ ބާރުމިނުގައި އޭނާގެ މިސްރާބުހުރީ ގެއާ ދިމާލަށެވެ.

"މިންނޫ... މިންނޫ..." ގޭތެރެއަށް ބޯ ދިއްކޮށްލަމުން ޔޫލިން ގޮވައިލިއެވެ. ޔޫލިން ގޮވާ އަޑަށް މިންހާ ކޮޓަރިން ނުކުތެވެ.

"ކިހިނެއްވީ ތަނެއްގައި ރޯވީތަ؟ ހާދަ ބާރަކަށޭ ތި ގޮވަނީ؟" މިންހާއަށް ބުނެވުނެވެ.

"މީ ކަމެއް ނުވޭ.. ނިކުމެބަލަ ބޭރަށް... ކީއްވެތަ ކޮޓަރީގަ ތި އޮންނަނީ؟" ޔޫލިން ބުނެލިއެވެ.

"ހޫން. މި ނުކުންނަނީ...މަޑުކުރޭ..." މިންހާ އަނބުރާ ކޮޓަރިއަށްވަދެފައި ޗާޖަށް ޖަހާފައި އޮތް ފޯނު ޗާޖުން ނައްޓައިލަމުން އެ ހިފައިގެން ޔޫލިންއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ފައިވާނަށް އަރަިއިގެން ޔޫލިިންއާއެކު ހިނގައިގަތީ ޖޯލިފައްޗާ ދިމާލަށެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ. ދެން ކިޔާބަލަ!" ޖޯލީގައި އިށީންނަމުން މިންހާ ބުމަ އަރުވައިލިއެވެ.

"އޭތް. އައިހަމް އަތުވެއްޖެ!." ޔޫލިން ހިތް އަވަސްވެފައިވާ ޙާލު ބުނެލިއެވެ.

"ކޮން އިރަކު؟ މިގެއަކަށް ގައިމު ނާދޭ... ބައްޕަ ދަމުން އެ ދިޔައީ ސަކީނައްތަ އައިމަ ތަޅުދަނޑި ދެއްޗޭ ކިޔާފަ." މިންހާ އޮޅުން ފިލުވަން ބޭނުންވިއެވެ.

"އެބައިން އަހަރެމެން ގޭގަ ސައިބޯން... " ޔޫލިން ބުނެލިއެވެ.

"ދެން ކިހިނެއްތަ ފީލިންގްސްތައް... ކޮންޓްރޯލް ކުރެވޭތަ؟" މިންހާ ލާނެއް ގޮތަކަށް ޔޫލިންގެ ކޮނޑުގައި ޖަހައިލަމުން ބުނެލުމާއެކު، ޔޫލިން ދެލޯ އަޅައިލިއެވެ.

"އަހަރެން ބޭނުމެއްވެސް ނޫނޭ އޭނައަށް މި ފީލިންގްސްތައް ބަހައްޓާކަށްވެސް. އެކަމަކުވެސް... ވަޓް ޝުޑް އައި ޑޫ މިންނު؟" ޔޫލިންގެ އަޑަށް ހިސާބެއްގެ މާޔޫސްކަމެއް ވެރިވުމާއެކު އޭނާއަށް އިސްޖަހައިލެވުނެވެ. އެއްޗެއް ނުބުނެ ހޭދަވި ކުޑަހިނދުކޮޅުގެ ތެރޭގައި މިންހާއަށް ޔޫލިން ރޮނީކަން ދެނެގަނެވުނީ ދެފަހަރަކު ޔޫލިން ނޭފަތް ދަމައިލި އަޑު އިވިފައެވެ.

"އޭތް... ލީން...ރޮނީތަ؟" މިންހާ ކަންބޮޑުވުމާއެކު، ސުވާލުކޮށްލިއެވެ. ޔޫލިން އައިހަމް ދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ.

"ނޫން ނުރޮން..." ޔޫލިން އެއްބަސްވާކަށް ބޭނުމެއް ނުވިއެވެ. އޭނާ ނިކަން އަވަސް އަވަހަށް ލޯ ފުހެލާފައި މިންހާއަށް ބަލައިލައިފިއެވެ.

ޔޫލިންގެ އެ ނާޒުކު ހިތުގެ ވެރިޔާއަކީ އައިހަމްއެވެ. އެކަމާ އޭނާ އަމިއްލަ މީހާގެ ހިތަށް ވެސް އަޑުލައެވެ. ލިބެން ނެތް ލޯތްބަކަށްޓަކައި އެހިތް ތެޅޭތީ އަމިއްލަ ނަފްސުދެކެވެސް އޭނާއަށް ރުޅިއާދެވެއެވެ. ނޭނގި ނަމަވެސް އައިހަމްއަށް އިންތިޒާރުކުރެވޭތީ ހައިރާން ވެސް ވޭމެއެވެ. އައިހަމް ނުފެނި ގިނަ ދުވަސްވީއިރު، ކޮންމެވެސް ވަރަކަށް އެ އިޙްސާސްތައް ކޮންޓްރޯލް ކުރެވުނުކަމުގައި ވީނަމަވެސް، އެންމެ ފަހަރަކު ފެނިލުމުން އަނެއްކާވެސް އެ ޖަޒުބާތުތައް އޭނާގެ ހިތުގައި ހޭލައިގަތީ އަދިވެސް އެހިތުގައި ވަނީ ހަމައެކަނި އައިހަމްކަން ޔަޤީންކޮށްދޭ ފަދައަކުންނެވެ. އެހާ ފަސޭހައިން އޭނައަށް އެ ޖަޒުބާތުތަކުގައި ޖެހެވުނީ އައިހަމްއަށްޓަކައި އަދިވެސް އޭނާގެ ހިތުގައި ފުން އިޙްސާސްތަކެއް ވާތީއެވެ. އެ އިޙްސާސްއަކީ ލޯބި ނޫންކަން ކިތަންމެ ވަރަކަށްވެސް ޔޫލިން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެހެން ކުއްޖަކަށް ފުރުސަތު ދީ އާ ފެށުމަކުން ފަށަން އުޅޭ ކޮންމެ ފަހަރަކުވެސް ފަހަތަށް ފިޔަވަޅު އަޅަން މަޖުބޫރުވަނީ އޭނާއަށް އެއިން އެއްވެސް ކުއްޖެއް ދެކެ ލޯބި ނުވެވޭތީއެވެ. އުޅެވޭނެކަމުގެ ޔަޤީންކަން އޭނާއަށް ނޯންނާތީއެވެ. ލޯބިނުވާއިރު، އެހެން ކުއްޖެއްގެ ހިތް ހަލާކުކޮށްލަން ބޭނުންނުވާތީއެވެ.

"އޭތް ލީން... ނުރޮއިބަލަ! އެ އޮށް އަންނަނީ މަންމަމެންވެސް..." މިންހާގެ ލޮލުގައި އެ ދިމާލަށް އަންނަމުންދިޔަ ސަކީނާއާ ރައިހާންގެ އިތުރުން އައިހަމް ލޮލުގައި އަޅައިގަތުމާއެކު ބުނެލިއެވެ.

ޔޫލިން އަވަސްއަވަހަށް މޫނުމަތި ފުހެލިއެވެ. ސަކީނާ އެހިސާބަށް އަރާ ހަމަވެފައި ހަނީފްއާ ބެހޭގޮތުން ސުވާލުކޮށްލިއެވެ.

"ބައްޕަ ކަމަކު ބޭރަށް ގޮސްވީ! ބުނީ އައިމަ ތަޅުދަނޑި ދޭށޭ. މަޑުކޮށްލާ މި އަންނަނީ ހިފައިގެން..." މިންހާ އެހެން ބުނެލުމަށްފަހު، ތަޅުދަނޑިބަލާ ގޭތެރެއަށް ހިނގައިގަތެވެ. އެވަގުތު ހިސާބުގަނޑު އަވައްޓެރިއެއް ސަކީނާއަށް ގޮވައިލުމާއެކު، އޭނާ ރައިހާންއަށް ބަލައިލިއެވެ.

"މަންމަ ގޮސްލަނީ އިނގޭ..." ސަކީނާ އެހެން ބުނެލާފައި ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ޔޫލިން އިށީނދެގެން އިން ޖޯލިފަތިން އެއް ޖޯލި ދޫކޮށްފައި އެ ޖޯލީގައި އިށީންނަމުން އައިހަމް އޭނާގެ ދަބަސް މެދު ޖޯލީގައި ބަހައްޓައިލިއެވެ.

"ލީން! ކިހިނެއް؟" އިސްވެ މިފަހަރުވެސް ވާހަކަ ދެއްކީ އައިހަމްއެވެ.

"އައި އެމް ގުޑް. ޔޫ؟" ޔޫލިން ބެލީ އާދައިގެ ގޮތަކަށް އޭނާގެ ވާހަކަ ބައްޓަން ކުރެވޭތޯއެވެ. ހިތުގެ އިޙްސާސްތައް މަތީ އަތް އަޅައިލުމަށްފަހު، އޭނާ ހިނިތުންވާން މަސައްކަތްކުރިއެވެ. ތުންފަތަށް ޕްލާސްޓިކް ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ އައިހަމްއަށް ބަލައިލިއެވެ.

"އަހަރެންވެސް ހަމަ ރަނގަޅު..." އައިހަމްވެސް ރައްދުގައި ހިނިތުންވެލިއެވެ.

"އަން. މިއޮތީ ތަޅުދަނޑި..." މިންހާ ތަޅުދަނޑި ހިފައިގެން އައިސް އައިހަމް އަތަށް ތަޅުދަނޑި ދިއްކޮށްލިއެވެ.

"މީ... އަމް.... މިންނު ދޯ..." ކުރީ ފަހަރެއްގެ ހަނދާން އާކޮށްލަމުން އައިހަމް މިންހާއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ.

"އާނ... އައިހަމް ކިހިނެއް؟" މީގެ ކުރިން އައިހަމް އެ ރަށަށް އައި ފަހަރުތަކުގައިވެސް، މިންހާއާ އައިހަމްއާ ދެމީހުންވަނީ ދިމާވެފައެވެ. އެ ދެމެދުގައިވެސް ކޮންމެވެސް ވަރެއްގެ އެކުވެރިކަމެއް ވެއެވެ. އައިހަމް އެ ރަށަށް އަންނަ ފަހަރުތަކުގައި އެކުގައި ދަތުރު ދިޔުމާއި މަޖާ ކުރުން ފަދަ ކަންތައްތަކުގައި އަބަދުވެސް ޔޫލިންއާއި މިންހާ ބައިވެރިވެއެވެ.

"ކޮބާ ރޫމަކީ؟" އައިހަމް ސުވާލުކޮށްލިއެވެ.

"ވަންނައިރު ކުރިމަތިން ވާތް ފަރާތު ރޫމް..." މިންހާ ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

"ފެންވަރާ ތާޒާ ވެލަން ދާންވީނު. އަހަރެން މަޑުވެސް ކޮށްލަފާނަން... " ރައިހާން ޖޯލީގައި ޖައްސައިލިއެވެ.

"އާނ... ކުޑަކޮށް ދާހިއްލާފަ މިހުރީ... ފެންވަރާލައިގެން ހިނގާ މަ ގޮވައިގެން ރަށުތެރޭގައި ބުރެއް ޖަހައިލަން ދާން... "އައިހަމް އެއްބުމަ އަރުވައިލިއެވެ.

"ހޫން. އޭރުންނެއްނު ރީތި އަންހެން ކުއްޖަކުވެސް ފެންނާނީ ދޯ!" ދިމާކޮށްލުމުގެ ގޮތުން ރައިހާން ބުނެލިއެވެ. އައިހަމް ގޮސް ކޮޓަރިއަށް ވަތްއިރުވެސް ޔޫލިންއަށް ކަޅި ޖަހާ ނުލާ އެދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ.

"ލީން..." ޔޫލިންއަށް ހަމަހޭވެރިކަންވީ މިންހާ ގޮވައިލުމާއެކުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު