ޕީޕީއެމުން އިންޑިއާއަށް ފާޑު ކިޔާތީ ކަންބޮޑުވޭ: ނަޝީދު

ފެބްރުއަރީ 21، 2021: ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމުގެ ޖަލްސާތަކުގައި އިންޑިއާއަށް ފާޑު ކިޔުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމުން ބޭއްވި "އައްޑަނަ" ޖަލްސާއާ ގުޅިގެން ނަޝީދު އިންޑިއާގެ ދިފާއުގައި ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖެއަށް އެންމެ ގިނައިން އެހީވެދޭ ގައުމަކީ އިންޑިއާކަމަށް ވިދާޅުވެފައެވެ.

އިންޑިއާ ކަނޑުގެ ސުލްޙައަށް އެންމެ އިސް ދައުރެއް އަދާކުރާ ގައުމަކީ ވެސް އިންޑިއާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަދެއްކި ގިނަ ފަރާތްތަކެއް އިންޑިއާއަށް ނިސްބަތްވާހެން ގިނަ ވާހަކަތަކެއް ދައްކާފައި ވާއިރު، ރޭގެ ޖަލްސާގައި، އިދިކޮޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ އިންޑިއާ ގުޅޭ އެތައް ވާހަކައެއް ދައްކަވާފައެވެ.

"ވަރަށް އިހުތިރާމާއެކީގައި އަޅުގަނޑު އަވަށްޓެރި އިންޑިއާއަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެންގެ ގައުމު ކުޑަވުމަކީ، އަޅުގަނޑުމެންގެ ބައި މަދުވުމަކީ، އަޅުގަނޑުމެން އެބޭފުޅުންގެ ވަކިތަކުގެ ދަށަށް ގެންދަންޖެހޭ ސަބަބެެއްކަމުގައި ނުހައްދަވާށޭ. އަޅުގަނޑުމެން އަޅުވެތިކުރަން ނުއުޅުއްވާށޭ" އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތައް ވެސް ބޭނުންނުވާކަމަށާއި، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ތިބި ކަމަށް ތުހުމަތު ކުރައްވާ އެމީހުން ރާއްޖެއިން ބޭލުމަށް ވެސް ވެސް ރޭގެ ޖަލްސާގައި އަދުރޭ ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން އަންނަނީ އުތުރު ތިލަފަޅުގެ އެެއްބަސްވުމުގެ މައްސަލައިގައި ވެސް އިންޑިއާ އާ ގުޅުވައިގެން އެތައް ވާހަކައެއް ދައްކަމުންނެވެ.

އެގޮތުން އެ މައްސަލައިގައި އެއްބަސްވުމުގައި ވާ ކަންކަން ރައްޔިތުންނަށް އެނގެން ޖެހޭނެކަމަށް ވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ހަމަ އެއާއެކު އުތުރު ތިލަފަޅު އެއްބަސްވުމަކީ އިންޑިއާގެ އަސްކަރިއްޔާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަކުރުވަން ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި އެ ކޯލިޝަނުގެ އިސްވެރިން އަންނަނީ ތުހުމަތު ކުރަމުންނެވެ.

comment ކޮމެންޓް