ލަންކާ ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރަށް

ސްރީ ލަންކާގެ ގައުމީ ޓީމާ ފަލަސްތީން ބައްދަލުކުރި މެޗުގެ ތެރެއިން ---

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާގެ ގައުމީ ފުޓުބޯޅަ ޓީމު ގަތަރުގައި ޓްރޭނިން ކޭމްޕު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ގަތަރުގައި ލަންކާ ޓީމު 16 ދުވަހުގެ ޓްރޭނިން ކޭމްޕު ކުރިއަށް ގެންދިއުމަށްފަހު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. ލަންކާގެ އިތުރުން ރާއްޖެ އަދި ނޭޕާލް ވެސް ޓްރެއިނިން ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގަތަރުގައެވެ.

މިހާރު އޮތް ގޮތުން ލަންކާ ޓީމު ގަތަރުގައި އެއްވެސް މެޗެއް ކުޅުމަށް ހަމަޖެހިފައި ނުވާއިރު، ދޯހާއަށް ދަތުރުކުރާ ލަންކާ ޓީމުގެ ސްކޮޑުގައި 27 ކުޅުންތެރިން ހިމަނާފައި ވެއެވެ.

މާލޭގައި އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗު، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައި ވަނީ ސްރީލަންކާ އާއި ބަންގްލަދޭޝްއެވެ.

ދެވަނަ މެޗުގައި ހަތަރު ވަނަ ދުވަހު ނޭޕާލް އާ ދެކޮޅަށް ނުކުންނައިރު ހަތް ވަނަ ދުވަހު ލަންކާ ވާދަކުރާނީ އިންޑިއާ އާ ދެކޮޅަށެވެ. ފަހު މެޗުގައި އޮކްޓޯބަރު 10 ވަނަ ދުވަހު ލަންކާ ކުޅޭނީ ރާއްޖެ އާ ދޮކޮޅަށެވެ.

ގަތަރުގައި ކުރިއަށް ގެންދާ ކޭމްޕަށް ލަންކާއިން ނަަގައިފައިވާ 27 ކުޅުންތެރިންގެ ސްކޮޑުގައި، ޔޫރަޕުގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ވެސް ހިމެނެއެވެ.

comment ކޮމެންޓް